ފަތުރުވެރިކަން އިޝްތިހާރުކުރެވޭނީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނަށް އެކަނި ކަމަށް ބަޔާންކޮށް އައު ގަވާއިދެއް އިއްޔެ އެކުލަވާލައިފި އެވެ. މި ގަވާއިދަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ބޭނުންކުރާ މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ފަތުރުވެރިންނަށް އޮޅުވާލައިގެން ނަހަމަ ގޮތުގައި ފައިސާ ހޯދުމުގެ މަސައްކަތްތަކުން ފަތުރުވެރިންނާއި ސިނާޢަތް ރައްކާތެރިކުރުމަށް އެކުލަވާލެވުނު ގަވާއިދެކެވެ.
މި ގަވާއިދުގެ ދަށުން ޓޫރިޒަމް އިޝްތިހާރުކުރެވޭނެ ތަންތަނުގެ ތެރޭގައި ޓޫރިސްޓު ރިސޯޓުތަކާއި، އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ޔޮޓު ބަނދަރުތަކާއި، ޑައިވިންގ ސެންޓަރުތަކާއި އަދި އެކްސްކާޝަން/ވޯޓަރ ސްޕޯޓްސްގެ ޚިދުމަތްދޭ ތަންތަން ހިމެނެއެވެ.
ގަވާއިދުގައިވާ ގޮތުން، ޓޫރިސްޓު ޚިދުމަތްދޭ ތަންތަން އިޝްތިހާރުކުރެވޭނީ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދި ހުށަހެޅުމަށްފަހު، އެ ހުއްދަ ލިބިގެންނެވެ. އަދި އިޝްތިހާރުކުރަންވާނީ ރަޖިސްޓްރީއާއި އޮޕަރޭޓިންގ ލައިސަންސްގައި ބަޔާންކޮށްފައިވާ ދަރަޖައަށެވެ.
ސޯޝަލް މީޑިއާގައި އިޝްތިހާރުކުރުމާ ގުޅޭގޮތުން ގަވާއިދުގައި ޚާއްސަ ސަމާލުކަމެއް ދީފައިވެއެވެ. މީގެ ތެރޭގައި ހަޤީޤަތާ ޚިލާފު ފޮޓޯ އަދި ވީޑިއޯ ބޭނުންކުރުން މަނާކުރުމާއި، އިޝްތިހާރުކުރާއިރު އެއީ އިޝްތިހާރެއްކަން އެނގޭނެހެން ބަޔާންކުރަންޖެހުން ހިމެނެއެވެ. އަދި އޭއައި ކޮންޓެންޓު ބޭނުންކުރާނަމަ އެކަން ސާފުކޮށް ހާމަކުރަންޖެހޭނެއެވެ.
ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ޖޫރިމަނާ ކުރެވޭނެ އުސޫލުތައް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ފުރަތަމަ ފަހަރު 10,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވޭއިރު، ދެވަނަ ފަހަރު 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން، އަދި ތިންވަނަ ފަހަރު 100,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. ތިން ފަހަރަށްވުރެ ގިނައިން ގަވާއިދާ ޚިލާފުވާ ފަރާތްތައް ކޮންމެ ފަހަރަކު 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.


