Tuesday, 28 July 2026

އެސްޑީއެފްސީގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ސަރުކާރުން ނިންމައިފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ޤާއިމްކޮށްފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ހިއްސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ވިއްކާލުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އެސްޑީއެފްސީ ގަތުމަށް ބީއެމްއެލްއިން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލްއެއް ހުށަހެޅުމާ ގުޅިގެން، މިނިސްޓްރީ އޮފް ފިނޭންސްއިން ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ފައިދާތަކަށް ރިއާޔަތްކޮށް، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ. މި ބަދަލާއެކު، އެސްޑީއެފްސީ ހިންގަމުން ގެންދާނީ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި، ޝަރީއާ ހުއްދަކުރާ އުސޫލުތަކާ އެއްގޮތަށެވެ.

ބީއެމްއެލްއިން ވަނީ ފުރަތަމަ އަހަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 500 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށާއި، ފަސް އަހަރު ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ވަޢުދުވެފައެވެ. މީގެ އިތުރުން، އަލަށް ފަށާ ވިޔަފާރިތަކަށް ކުރިއަށް އޮތް ތިން އަހަރު ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ވަނީ ރޭވިފައެވެ. ރައީސް އޮފީހުން ޔަގީންކޮށްދެއްވާފައިވާ ގޮތުގައި މި ލޯނުތަކުގެ އިންޓަރެސްޓް ރޭޓަށް ބަދަލެއް ނާންނާނެއެވެ.

ބީއެމްއެލްގެ ފުޅާ ނެޓްވޯކް ބޭނުންކޮށްގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑިޖިޓަލް ފައިނޭންސިންގ ޚިދުމަތްތައް ފުޅާކުރުމަށް ވަނީ ރޭވިފައެވެ. އަދި އެސްޑީއެފްސީގެ ސިސްޓަމްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކުރުމަށްފަހު، ލޯނު ޕްރޮސެސްކުރުން އަވަސްކޮށް، މެނުއަލް މަސައްކަތް މަދުކުރުމަށްވެސް ވަނީ ރޭވިފައެވެ.

މިހާރު އެސްޑީއެފްސީން ދޫކޮށްފައިވާ 1.7 ބިލިއަން ރުފިޔާގެ ލޯނުތަކުގެ ތެރެއިން 36 ޕަސެންޓް އަދިވެސް ވަނީ ނުދައްކާއެވެ. ނަމަވެސް، މާލީ ދަތިތަކާ ހެދި މިހާރު ލޯނު ދޫކުރުން މަދުވެފައިވީ ނަމަވެސް، ފާއިތުވި އަހަރާ އަޅާބަލާއިރު ލޯނު އަނބުރާ ދެއްކުމުގެ ނިސްބަތް 24 ޕަސެންޓް ރަނގަޅުވެފައިވާކަމަށް އެސްޑީއެފްސީން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *