Tuesday, 28 July 2026

ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖޭގެ ސުކޫކުގެ އަގު މަތިވެއްޖެ

ރާއްޖޭގެ އިގުތިސާދު މަޑުމަޑުން ހަމައަކަށް އެޅެމުން އަންނަ ކަމަށް ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުން ދެކޭކަން ސާފުވެއްޖެއެވެ. މިކަން ހާމަވެގެން ދަނީ ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖޭގެ ސުކޫކުގެ އަގަށް އައިސްފައިވާ ބޮޑު ކުރިއެރުމުންނެވެ.

ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު 64.72 އެމެރިކާ ޑޮލަރުގައި ހުރި ސުކޫކުގެ އަގު، މިހާރު ވަނީ 87.44 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. މިއީ ފާއިތުވި މަދު މަސްތަކެއްގެ ތެރޭގައި އައިސްފައިވާ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ޕޭމަންޓު މި ސަރުކާރުން ދައްކަމުން އަންނަނީ ގަވާއިދުންނެވެ. "އެންމެ ފަހުން 25 މިލިއަން ޑޮލަރުގެ ކޫޕަން ޕޭމަންޓެއް ދެއްކީ މިދިޔަ އޭޕްރީލް މަހު" ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއްވިއެވެ. މި އަހަރުގެ ދެވަނަ ކޫޕަން ޕޭމަންޓު ދައްކަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުއެވެ.

ސުކޫކުގެ އަގު މައްޗަށް ދިއުމަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ރާއްޖޭގެ އިގުތިސާދީ އަސާސްތައް ހަރުދަނާ ކުރުމަށް ގެންގުޅޭ އުސޫލުތަކަށް ލިބޭ ކުރިއެރުމެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ. އަބޫދާބީ ސްޓޮކް މާކެޓުގައި ލިސްޓުކޮށްފައިވާ މި ސުކޫކުގެ އިންޓްރެސްޓް ރޭޓަކީ 9.875 ޕަސެންޓެވެ.

2026 ވަނަ އަހަރު މެޗުއާވާ މި ސުކޫކާއެކު، އެހެން ލޯނުތަކާއި އެކު ދައުލަތުން އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭނެއެވެ. މި ބުރަ ކުޑަކުރުމަށްޓަކައި، ދަރަނިތައް ރީފައިނޭންސްކުރުމަށް ދޭދޭ ގައުމުތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އޭގެން ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *