ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ އައު އުސޫލުގެ ދަށުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށްފަހު 750 ޑޮލަރާ ހަމައަށް އޭޓީއެމްއިން ފައިސާ ނެގޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
އައު އުސޫލުގެ ދަށުން ރާއްޖެއިން ބޭރުގައި ދިވެހި ރުފިޔާ ކާޑުތައް މެދުވެރިކޮށް އޭޓީއެމްއިން ނެގޭނެ މިންވަރު ވަނީ 125 ޑޮލަރަށް ދަށްކޮށްފައެވެ. އަދި ކޮންމެ މުޢާމަލާތަކަށް 10 ޑޮލަރުގެ ފީއެއް ނެގުމަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބީއެމްއެލްގެ ފޮރިން ލިމިޓް ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށްފަހު 750 ޑޮލަރާ ހަމައަށް ކާޑުތަކުން ފައިސާ ނެގުމާއި ޕީއޯއެސް މެދުވެރިކޮށް މުޢާމަލާތް ކުރެވޭނެއެވެ.
މީގެއިތުރުން ކިޔަވާ ދަރިވަރުންނަށް ކަނޑައަޅާފައިވާ 1،200 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، އައު އުސޫލުގެ ދަށުން ނަގާ ފީވެސް ކިޔަވާ ކުދިންނަށް ނުނަގާނެ ކަމަށް ބޭންކުން ވަނީ އިޢުލާނުކޮށްފައެވެ. މި ލިމިޓް ހޯދުމަށް ސްޓޫޑެންޓް ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެއެވެ.
ބޭންކުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަހެއްގެ މައްޗަށް 45 މިލިއަން ޑޮލަރު އެކި ވިޔަފާރިތަކަށް ރާއްޖެއިން ބޭރަށް ފޮނުވާއިރު، މީގެ 75 އިންސައްތަ ދަނީ އޮންލައިން ޝޮޕިންގ ވެބްސައިޓުތަކަށެވެ. މިފަދަ މުޢާމަލާތްތަކަށް ގެނެވުނު ބަދަލުތަކަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހިމާޔަތްކުރުމަށް އެޅުނު ފިޔަވަޅެއް ކަމުގައި ބޭންކުން ފާހަގަކޮށްފައިވެއެވެ.


