Tuesday, 28 July 2026

އެސްޑީއެފްއަށް އަހަރު މިހާތަނަށް 907 މިލިއަން ރުފިޔާ ޖަމާކޮށްފި

ސޮވްރިން ޑިވެލޮޕްމެންޓް ފަންޑަށް މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޖަމާކުރެވުނު ފައިސާގެ އަދަދު 900 މިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެއެވެ. މާލީ ވުޒާރާއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 42 އިންސައްތައިގެ ކުރިއެރުމެކެވެ.

މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖޫން 12 ގެ ނިޔަލަށް އެސްޑީއެފްއަށް ޖަމާކުރެވިފައިވަނީ 907.6 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ފަންޑަށް ޖަމާކުރެވިފައިވަނީ 635.2 މިލިއަން ރުފިޔާއެވެ.

އެސްޑީއެފްއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައެވެ. މި އަހަރުގެ މިހާތަނަށް އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 780.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 44.5 އިންސައްތައިގެ އިތުރުވުމެކެވެ.

2017 ވަނަ އަހަރު އުފެއްދި ސޮވްރިން ޑިވެލޮޕްމެންޓް ފަންޑުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ދަރަނި އަދާކުރުމަށް ފައިސާ ރައްކާކުރުމެވެ. މި ފަންޑަށް ފައިސާ ޖަމާކުރަނީ އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ދޭ ޚިދުމަތްތަކުގެ އަގަށް ގެނެވޭ ބަދަލުތަކުން އިތުރުވާ އާމްދަނީންނެވެ.

ސަރުކާރުން ވަނީ 2025 އަދި 2026 ވަނަ އަހަރު ދައުލަތުގެ ދަރަނި އަދާކުރުމަށް މި ފަންޑުން ފައިސާ ބޭނުންކުރުމަށް ނިންމާފައެވެ. މިގޮތަށް ނިންމުމުގެ މަޤްޞަދަކީ ދައުލަތުގެ ދަރަނީގެ ބުރަ ކުރިއަށް އޮތް ޖީލުތަކަށް ކުޑަކުރުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *