ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ޔުކްރެއިންއިން ދިން ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު މައްޗަށް ގޮސްފިއެވެ. މީގެ އިތުރުން އެމެރިކާއިން އިންޓަރެސްޓް ރޭޓް ދަށްކުރާނެ ކަމަށް ލަފާކުރެވޭތީ، ދުނިޔޭގެ އިގްތިސާދީ ދުވެލި އިތުރުވެ، ތެލަށް އޮންނަ ޑިމާންޑް އިތުރުވާނެ ކަމަށް ބެލެވެއެވެ.
ބްރެންޓް ކްރޫޑް ފިއުޗަރސްގެ އަގު 0.09 ޕަސެންޓް އިތުރުވެ، ބެރެލަކަށް 67.79 ޑޮލަރަށް އަރާފައިވާއިރު، ވެސްޓް ޓެކްސަސް އިންޓަމީޑިއެޓް (ޑަބްލިއުޓީއައި) ކްރޫޑް ފިއުޗަރސްގެ އަގު 0.14 ޕަސެންޓް އިތުރުވެ، ބެރެލަކަށް 63.75 ޑޮލަރަށް އަރާފައިވެއެވެ.
ޔުކްރެއިންގެ ޑްރޯން ހަމަލާއެއްގައި ރަޝިޔާގެ އެންމެ ބޮޑު ނިއުކްލިއަރ ޕަވަރ ޕްލާންޓްތަކުގެ ތެރެއިން އެއް ޕްލާންޓެއްގެ ރިއެކްޓަރެއްގެ ޕަވަރ އުފެއްދުމުގެ ގާބިލްކަން ވަނީ ބޮޑުތަން ދަށްވެފައެވެ. އަދި އުސްޓް-ލުގާ ފިއުލް އެކްސްޕޯޓް ޓާމިނަލްގައި އަލިފާން ރޯވެފައިވާ ކަމަށް ރަޝިޔާގެ އޮފިޝަލުން މަޢުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، ނޮވޮޝަހްޓިންސްކް ރިފައިނަރީގައި ޔުކްރެއިންގެ ޑްރޯން ހަމަލާއަކާ ގުޅިގެން ރޯވި އަލިފާން ހަތަރު ދުވަސް ވަންދެން ނިވިފައިނުވާ ކަމަށް އެ ސަރަހައްދުގެ ވަގުތީ ގަވަރުނަރު ވަނީ ހާމަކޮށްފައެވެ. މި ރިފައިނަރީއަކީ އަހަރަކު 5 މިލިއަން މެޓްރިކް ޓަނުގެ ތެޔޮ، ނުވަތަ ދުވާލަކު 100,000 ބެރެލްގެ ތެޔޮ އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ތަނެކެވެ.
"ޔުކްރެއިންއިން ރަޝިޔާގެ ތެލުގެ އިންފްރާސްޓްރަކްޗަރއަށް ދެމުންދާ ހަމަލާތަކުގެ ނަތީޖާއަށް ބަލާއިރު… ތެލުގެ އަގު އިތުރަށް މައްޗަށް ދިއުމުގެ ރިސްކް އެބައޮތް،" އައިޖީ މާކެޓް އެނަލިސްޓް ޓޯނީ ސައިކަމޯރ ވިދާޅުވިއެވެ.


