Tuesday, 28 July 2026

ދައުލަތުގެ އާމްދަނީ އިތުރުވެ، ޚަރަދު ކުޑަވެއްޖެ

މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ، ކުރެވުނު ޚަރަދަށްވުރެ އިތުރުވެއްޖެއެވެ. މިކަން ހާމަވެގެން ދިޔައީ މިނިސްޓްރީ އޮފް ފިނޭންސުން އާންމުކުރި ތަފާސްހިސާބުތަކުންނެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖަނަވަރީން މާރިޗަށް ދައުލަތަށް 7.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 6.5 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އާމްދަނީ 5.4 އިންސައްތަ އިތުރުވެފައިވާ އަދަދެކެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، ޓެކްސްގެ ގޮތުގައި 6.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތްގޮތުން 1.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ބޭރުގެ ހިލޭ އެހީގެ ގޮތުގައި 43.9 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ޚަރަދުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ކުރެވުނު 6.5 ބިލިއަން ރުފިޔާގެ ޚަރަދަކީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރެވުނު 7.8 ބިލިއަން ރުފިޔާގެ ޚަރަދަށްވުރެ 16 އިންސައްތަ ދަށް އަދަދެކެވެ. މި ޚަރަދުތަކުގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ އަދި ތަރައްޤީގެ މަޝްރޫޢުތަކަށް 428 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އެހެންނަމަވެސް، ދައުލަތުގެ ޚަރަދުތައް އިތުރަށް ކުޑަކުރުމަށް ރޭވިފައިވާ ފިޔަވަޅުތައް ވީހާވެސް އަވަހަކަށް އަޅަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން (އައިއެމްއެފް) ވަނީ ރާއްޖެއަށް ގޮވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *