އިންޑިއާއިން އެހެން ގައުމުތަކަށް އެކްސްޕޯޓްކުރާ ފިޔާއިން ނަގަމުންދިޔަ 20 އިންސައްތައިގެ ޑިއުޓީ އެޕްރީލް 1 އިން ފެށިގެން ކަނޑާލުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އިންޑިއާގެ ދަނޑުވެރިންގެ އެދުމުގެ މަތިން، ކޮންޒިއުމާ އެފެއާޒްއިން، ޑިޕާޓްމެންޓް އޮފް ރެވެނިއުއަށް ދީފައިވާ ލަފާގެ މަތިން މި ނިންމުން ނިންމާފައިވާކަމަށް އެ ގައުމުން ނެރެފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވެއެވެ.
މި ނިންމުމާ ގުޅޭގޮތުން ކޮންސިއުމާ އެފެއާޒް މިނިސްޓްރީން ފާހަގަކޮށްފައިވަނީ މި ފިޔަވަޅުގެ ސަބަބުން ދަނޑުވެރިންނަށް ރަނގަޅު ފައިދާއެއް ލިބިގެންދާނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ވެސް ހެޔޮ އަގެއްގައި ފިޔާ ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ގަބޫލުކުރާކަމަށް ބުނެފައިވެއެވެ.
އިންޑިއާއިން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެކްސްޕޯޓް ޑިއުޓީ ނެގުމަށް ފެށި ނަމަވެސް، މި އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 11.65 ލައްކަ ޓަނުގެ ފިޔާ އެކްސްޕޯޓްކޮށްފައިވެއެވެ.
އިންޑިއާއިން އެކްސްޕޯޓްކުރާ ފިޔާގެ މިންވަރު މަހުން މަހަށް އިތުރުވަމުން ގޮސް، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެކްސްޕޯޓްކުރި 0.72 ލައްކަ ޓަނުން މިއަހަރުގެ ޖެނުއަރީ މަހު ވަނީ 1.85 ލައްކަ ޓަނަށް އިތުރުވެފައެވެ.


