ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި އިންޑިއާގެ ކްރިކެޓް ޓީމް މުމްބާއީ އިންޑިއަންސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްއެމްޕީއާރުސީން މަޢުލޫމާތު ދެއްވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ސޯޝަލް މީޑިއާ އަދި އެހެނިހެން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ޚާއްސަ ކެމްޕޭންތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. އަދި މުމްބާއީ އިންޑިއަންސްގެ ކުޅުންތެރިން ބައިވެރިކޮށްގެން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ޕްރޮމޯޝަނަލް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، "ކްރިކެޓަކީ އިންޑިއާގައި އެންމެ މަޤްބޫލު ކުޅިވަރެވެ. އަދި ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރެވެ. އެހެންކަމުން މި އެއްބަސްވުމުގެ ސަބަބުން އިންޑިއާގެ މާކެޓުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ" ކަމަށެވެ.
މި އެއްބަސްވުމާއެކު "ވިޒިޓް މޯލްޑިވްސް" އަކީ މުމްބާއީ އިންޑިއަންސްގެ ރަސްމީ ޓޫރިޒަމް ޕާޓްނަރުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި އިންޑިއަން ޕްރިމިއަރ ލީގް (އައިޕީއެލް) ގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ފުރުސަތުވެސް މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެއެވެ.
އެމްއެމްޕީއާރުސީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިއަހަރު އިންޑިއާއިން 200,000 ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް މި އެއްބަސްވުން މަގުފަހިކޮށްދޭނެއެވެ. މިއީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ފެށޭ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކުރެވެއެވެ.


