Tuesday, 28 July 2026

އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމުގެ ހުއްދަދީފި

އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމުގެ ހުއްދަ އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާއިން ދީފިއެވެ.

އިއްޔެ ރިޒާވް ބޭންކް އޮފް އިންޑިއާއިން ނެރުނު ސަރކިއުލާގައި ބަޔާންކޮށްފައިވަނީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ދޭދޭ ޤައުމުތަކުގެ މާލީ މުއާމަލާތްތަކުގައި އޭސީޔޫ މެކޭނިޒަމްގެ އިތުރުން ދިވެހި ރުފިޔާ އަދި އިންޑިއާ ރުޕީސް ބޭނުންކުރެވޭނެ ކަމަށެވެ. މި ނިންމުމަކީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ދެ ޤައުމުގެ ދެމެދު ސޮއިކުރެވުނު ފަހުމުނާމާއާ ގުޅިގެން ނިންމާފައިވާ ނިންމުމެކެވެ.

އޭސީޔޫ މެކޭނިޒަމަކީ ސަރަހައްދީ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ތެރެއިން އޭސީޔޫގައި ބައިވެރިވާ ޤައުމުތަކުން މާލީ މުއާމަލާތްތައް ހިންގާ ނިޒާމެކެވެ. މި ނިޒާމުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބެލަރޫސް، ބޫޓާން، އިންޑިއާ، އީރާން، މިޔަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ ހިމެނެއެވެ.

އިންޑިއާގެ މަރުކަޒީ ބޭންކުން މިކަމާ ގުޅޭގޮތުން ބުނެފައިވަނީ، "މި ނިންމުމަށް ވަގުތުން އަމަލުކުރަން ފެށޭނެ" ކަމަށެވެ. އިންޑިއާއަކީ ރާއްޖެއަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ތެޔޮ ފަދަ މުހިންމު ތަކެތި އެކްސްޕޯޓްކުރާ މައި ޤައުމުކަމުން މި ނިންމުމުގެ ސަބަބުން ފައިސާ ދެއްކުމުގެ ކަންކަން ފަސޭހަވެ، ވިޔަފާރީގެ ހަރުދަނާކަން އިތުރުވާނެއެވެ.

މާލީ މުއާމަލާތްތަކުގައި ޑޮލަރު ބޭނުންކުރެވޭ މިންވަރު މަދުކުރުމަށް އިންޑިއާއިން ދަނީ މަސައްކަތްކުރަމުންނެވެ. މިއީ އިންޑިއާ ރުޕީޒްގެ މަގުބޫލުކަން އިތުރުކުރުމަށް އިންޑިއާއިން ގެންގުޅޭ ތަސައްވުރުގެ ބައެކެވެ. މި ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކަށްފަހު، ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *