އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން އައި "އެމްއެސްސީ މެގްނިފިކާ" ކްރޫޒް ލައިނާގައި ދަތުރުކުރި ފަތުރުވެރިންނާއި ފަޅުވެރިންނަށް މޯލްޑިވްސް އިމިގްރޭޝަނުން ވިސާ ދޫކޮށްފިއެވެ.
މިގޮތުން ވިސާ ދޫކޮށްފައިވަނީ އެ އުޅަނދުގައި ދަތުރުކުރި 1866 ފަތުރުވެރިންނާއި 952 ފަޅުވެރިންނަށެވެ. މިއީ ޕެސިފިކް ކަނޑުން އިންޑިއާ ކަނޑަށް ކުރި އެންމެ ދިގު ދަތުރެއްގައި އައި ބަޔަކަށް ވިސާ ދޫކުރި ފުރަތަމަ ފަހަރު ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން އައި މި އުޅަނދު ރާއްޖެއާ ހަމައަށް އައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ފާއިތުވި މަސްތަކުގައި ވެސް ކްރޫޒް ލައިނާތަކުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާވަމުން އަންނަކަން ފާހަގަކުރެވޭ އިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ ބައި މިލިއަނަށް ވުރެ އިތުރުވެފައެވެ.
ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. މި އަމާޒަށް ވާސިލުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ކްރޫޒް ޓޫރިޒަމް އިތުރަށް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތައް ވެސް ހިމެނެއެވެ.


