Tuesday, 28 July 2026

އޭއައި ޓެކްނޮލޮޖީ ގެނައުމަށް އޭޝިއާގެ ބޮޑު ބޭންކަކުން 4،000 މުވައްޒަފުން ވަކިކުރަނީ

ސިންގަޕޫރުގެ އެންމެ ބޮޑު ބޭންކް، ޑީބީއެސް އިން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 4،000 މުވައްޒަފުން މަދުކުރާނެ ކަމަށް ބުނެފިއެވެ. މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ތަޢާރަފުކޮށް، މިހާރު އިންސާނުން ކުރަމުންދާ މަސައްކަތްތައް އޮޓޮމޭޓް ކުރުމަށް ނިންމާފައިވާ ނިންމުމެކެވެ.

ޑީބީއެސްގެ ތަރުޖަމާނެއް ބީބީސީއަށް މަޢުލޫމާތު ދެމުން ބުނީ، "މުވައްޒަފުން މަދުކުރެވޭނީ ވަގުތީ އަދި ކޮންޓްރެކްޓް މުވައްޒަފުންގެ މުއްދަތު ހަމަވަމުންދާ ވަރަކަށް" ކަމަށެވެ. މި ބަދަލުގެ ސަބަބުން ދާއިމީ މުވައްޒަފުންނަށް އަސަރެއް ނުކުރާނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.

ބޭންކުގެ ސީއީއޯ ޕިޔުޝް ގުޕްޓާ ވަނީ އޭއައި އާ ގުޅުންހުރި 1،000 އައު ވަޒީފާ އުފެއްދޭނެ ކަމަށް ބުނެފައެވެ. މިހާރު ޑީބީއެސްގައި 41،000 މުވައްޒަފުން މަސައްކަތްކުރާއިރު، އޭގެ ތެރެއިން 8،000 އާއި 9،000 އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުންނަކީ ވަގުތީ އަދި ކޮންޓްރެކްޓް މުވައްޒަފުންނެވެ.

ގުޕްޓާ ވިދާޅުވި ގޮތުގައި ޑީބީއެސްއިން ވޭތުވެދިޔަ 10 އަހަރަށްވުރެ ގިނަ ދުވަހު އޭއައި ޓެކްނޮލޮޖީގެ މައްޗަށް މަސައްކަތްކޮށްފައިވެއެވެ. "މިހާރު އަހަރެމެން 350 ދާއިރާއެއްގައި 800 އަށްވުރެ ގިނަ އޭއައި މޮޑެލް ބޭނުންކުރަމުންދަނީ. އަދި 2025 ވަނަ އަހަރާ ހަމައަށް މީގެ އިގްތިސާދީ ފައިދާ 1 ބިލިއަން ސިންގަޕޫރު ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ" ކަމަށް އޭނާ ވިދާޅުވިއެވެ.

އައި.އެމް.އެފްއިން 2024 ގައި ބުނެފައިވާ ގޮތުގައި އޭއައި ޓެކްނޮލޮޖީގެ ސަބަބުން ދުނިޔޭގެ ވަޒީފާތަކުގެ 40 ޕަސެންޓަށް އަސަރުކުރާނެއެވެ. ނަމަވެސް، ބޭންކް އޮފް އިންގްލޭންޑްގެ ގަވަރުނަރު އެންޑްރޫ ބެއިލީ ވިދާޅުވެފައިވަނީ އޭއައި އަކީ "ވަޒީފާތައް ނައްތާލާނެ އެއްޗެއް" ނޫން ކަމަށާއި، އިންސާނުން އައު ޓެކްނޮލޮޖީއާއެކު މަސައްކަތްކުރަން ދަސްކުރާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *