އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގައި އިސްކޮށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށްވާ އޯޕަން އޭއައި ގަތުމަށް ޓެސްލާގެ ސީއީއޯ އީލޮން މަސްކް އިސްވެ ހުންނަވައިގެން 97.4 ބިލިއަން ޑޮލަރުގެ ހުށަހެޅުމެއް ހުށަހަޅުއްވައިފިއެވެ. މި ހުށަހެޅުން ހުށަހަޅުއްވާފައިވަނީ އޯޕަން އޭއައި ފައިދާ ލިބޭ ކުންފުންޏަކަށް ބަދަލުކުރުމަށް ހުރަސް އެޅުމަށް މަސްކް ދަޢުވާ އުފުލި ތާ މަދު މަސްތަކެއްގެ ތެރޭގައެވެ.
މި ހުށަހެޅުން ހާމަކުރެއްވުމާއެކު، އޯޕަން އޭއައިގެ ސީއީއޯ ސެމް އޯލްޓްމަން ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ޖަވާބު ދެއްވާފައެވެ. އޭނާ ވިދާޅުވީ "ޝުކުރިއްޔާ، އެކަމަކު އަޅުގަނޑުމެން ޓްވިޓަރ 9.74 ބިލިއަން ޑޮލަރަށް ގަންނާނަން، އެގޮތަށް ބޭނުންފުޅުނަމަ" އެވެ.
އެއަށް ރައްދުދެއްވަވާ މަސްކް ވިދާޅުވެފައިވަނީ "އޯޕަން އޭއައި އަނބުރާ އޯޕަން ސޯސް، ރައްކާތެރިކަމަށް އިސްކަންދޭ ހެޔޮ ބޭނުމުގައި މަސައްކަތްކުރާ ބާރަކަށް ވުމުގެ ވަގުތު އައިސްޖެހިއްޖެ" ކަމަށެވެ. އަދި އެކަން ކަށަވަރުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހުށަހެޅުމަކީ މަސްކްގެ އޭއައި ކުންފުނި ކަމަށްވާ އެކްސްއޭއައި އިން ބެކްކޮށްފައިވާ ހުށަހެޅުމެކެވެ. އަދި މި ޑީލް ކުރިއަށް ދާނަމަ، އެކްސްއޭއައި އާއި އޯޕަން އޭއައި އެއްކޮށްލުމުގެ ފުރުސަތު އޮތް ކަމަށް ވޯލް ސްޓްރީޓް ޖާނަލުން ރިޕޯޓުކޮށްފައިވެއެވެ.
މަސްކް އަކީ 2015 ވަނަ އަހަރު އޯލްޓްމަނާއެކު އޯޕަން އޭއައި އުފެއްދެވި ފަރާތްތަކުގެ ތެރެއިން އެއް ފަރާތެވެ. ނަމަވެސް ކުންފުނި ކުރިއަރަން ފެށުމުގެ ކުރިން އޭނާ ވަނީ ކުންފުނިން ވަކިވެވަޑައިގެންފައެވެ. އަދި 2023 ވަނަ އަހަރު އޭނާ ވަނީ އޯޕަން އޭއައި އާ ވާދަވެރި އެކްސްއޭއައި އުފައްދަވާފައެވެ.
މި ހުށަހެޅުމާ ގުޅޭގޮތުން އޯޕަން އޭއައި އިންނާއި މައިކްރޯސޮފްޓުން އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.


