ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭސިކް ރޭންޖަރސް ޓްރެއިނިންގ ކޯހެއް ފަރުމާކޮށް ހިންގަން ފަށައިފިއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖު، އެންވައަރަމަންޓް އެންޑް އެނާޖީގެ އެންދަރި ޕްރޮޖެކްޓުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ.
މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ޙިމާޔަތްކުރެވިފައިވާ އަދި ރައްކާތެރިކުރެވިފައިވާ ސަރަޙައްދުތަކުގައި މަސައްކަތްކުރާ ރޭންޖަރުންނަށް ކަނޑާއި އެއްގަމުގެ ވެށިތައް ހަރުދަނާކަމާއެކު ބެލެހެއްޓުމާއި މެނޭޖްކުރުމާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް ބޭނުންވާ ހުނަރުތަކާއި މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
ކޯހުގެ މޮޑިއުލްތަކުގެ ތެރޭގައި ތިމާވެށީގެ ޤަވާޢިދުތައް ބެލެހެއްޓުމާއި ތަންފީޛުކުރުން، ސައިންޓިފިކް މޮނިޓަރިންގ ހިންގުން، ރަށްރަށުގެ މުޖުތަމަޢުތަކާއެކު މުޢާމަލާތްކުރުން އަދި ކުއްލި ޙާލަތްތަކަށް އިޖާބަދިނުން ހިމެނެއެވެ. މި މަޝްރޫޢު ކުރިއަށްދާނީ ލ. އަތޮޅުގައެވެ.
އެމްއެންޔޫއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދެ މަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގެ ކިޔެވުން މި ފެށޭ ސެމެސްޓަރގެ ތެރޭގައި ފެށޭނެއެވެ.


