Tuesday, 28 July 2026

ބައެއް ރިސޯޓުތަކުން މުސާރައާއި ސަރވިސް ޗާޖު ރުފިޔާއިން ދިނުމަށް ނިންމުމާމެދު ޓީމްއިން ކަންބޮޑުވުން ފާޅުކޮށްފި

ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ވަނީ ބައެއް ރިސޯޓުތަކުން މުސާރައާއި ސަރވިސް ޗާޖު ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން ދުފިޔާއިން ދޭން ނިންމާފައިވާ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ބަދަލު ގެނައުމުގެ ސަބަބުން ރިސޯޓުތަކުގެ މުވައްޒަފުންނަށް 3،000 އިން 5،000 ރުފިޔާއާ ހަމައަށް މާލީ ގެއްލުން ލިބިދާނެ ކަމަށް ޓީމްއިން ބުނެފައިވެއެވެ.

ޓީމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބަދަލަކީ މުވައްޒަފުންނަށް ތަހައްމަލުކުރެވޭނެ ބުރައެއް ނޫނެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 70 އިންސައްތަ މުވައްޒަފުންނަކީ ބިދޭސީން ކަމަށްވާތީ، މި ބަދަލުގެ ސަބަބުން އެ ފަރާތްތަކުގެ ޢާއިލާތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވާނެ ކަމަށްވެސް ޓީމްއިން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޓީމްއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު ދިވެހި ރުފިޔާއިން މުސާރައާއި ސަރވިސް ޗާޖު ނެގުމަށް އެއްބަސްނުވުމަށާއި، ވަޒީފާގެ އެއްބަސްވުން ބަދަލުކޮށް އެފަދަ ލިޔުމެއްގައި ސޮއިނުކުރުމަށް ގޮވާލައިފައެވެ. އަދި މިފަދަ ކޮންމެ ރިސޯޓެއްގައިވެސް މުވައްޒަފުން އެއްބައިވެ، މި މާލީ ގެއްލުމުން ސަލާމަތްވުމަށް އެންމެން އެކީ ނުރުހުން ފާޅުކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ޓީމްއިން ސަރުކާރަށް ގޮވާލާފައިވަނީ މި ބަދަލު ގެނައުން ހުއްޓުވުމަށާއި، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރުމަށެވެ. އަދި ޑޮލަރުގެ އަގު 15.42 ރުފިޔާގައި ހިފެހެއްޓި، އާންމު ބޭންކުތަކަށް ދަތިކަމެއް ނެތި ޑޮލަރު ލިބޭނެ ހާލަތަށް މާލީ ހާލަތު ބަދަލުވެ، ތަކެތީގެ އަގު ދަށްވެ، އެއް ހަމައެއްގައި ހިފެހެއްޓުމުން މިފަދަ ބަދަލުތަކަށް މަސައްކަތްތެރިން މަރުޙަބާ ކިޔާނެ ކަމަށް ޓީމްއިން ފާހަގަކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *