Tuesday, 28 July 2026

މަސްވެރިންނަށް 3.9 މިލިއަން ރުފިޔާ ދޫކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު މަސްވެރިންނަށް 3.9 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. މިފްކޯއިން ހާމަކުރިގޮތުގައި މި ފައިސާއަކީ މި މަހުގެ 11 ވަނަ ދުވަހު ދޯނިތަކުން ކިރި މަހަށް ދޫކުރި ފައިސާއެވެ.

އެ ދުވަހު 80 މަސްދޯންޏަކުން ޖުމްލަ 321 މެގާ ޓަނުގެ މަސް ކިރާފައިވާކަމަށާއި، މި މަހަށް ޖުމްލަ 3،928،066 ރުފިޔާ ދައްކާފައިވާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ. އަދި މި ފައިސާ މިއަދު ހަވީރު 16:30 ގެ ކުރިން ދޯނިތަކަށް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މިފްކޯއަށް ކިރާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، މި ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން، އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފައިވެއެވެ.

މިހާރު ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *