ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް ކާޑާއި ބޭސްފަދަ މުހިންމު ތަކެތި އެތެރެކުރުމަށްޓަކައި 50 މިލިއަން އެމެރިކާ ޑޮލަރު (771 މިލިއަން ރުފިޔާ) ގެ ލޯނެއް ބޭރުގެ ފަރާތަކުން ނަގައިފިއެވެ.
މި މައުލޫމާތު ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީއެއް މެދުވެރިކޮށެވެ. އިއްޔެ ބޭއްވުނު މި ބައްދަލުވުމުގައި، ކޮމިޓީގެ ނައިބު މުޤައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވަނީ މި ސިޓީ މެންބަރުންނަށް އިއްވާފައެވެ.
މި ލޯނަކީ އެސްޓީއޯއިން އާންމުކޮށް އެތެރެކުރާ ބޭހާއި ކާޑުގެ ބާވަތްތަކާއި އެހެނިހެން ޒަރޫރީ ތަކެތި ރާއްޖެއަށް އެތެރެކުރުމަށް ނަގާފައިވާ ލޯނެއްކަން އެނގެއެވެ. ކޮމިޓީގެ ބައެއް މެންބަރުން ހާމަކުރި ގޮތުގައި، މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 13.13 އިންސައްތައެވެ. އަދި ލޯނު އަނބުރާ ދައްކައި ނިންމަންޖެހެނީ 3 އަހަރުގެ ތެރޭގައެވެ.
ސަރުކާރުން މި ލޯނަށް ގެރެންޓީ ދީފައިވާއިރު، މި ލޯނާ ގުޅޭ އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.


