ހުސްވެފައިވާ މިފްކޯގެ ސީއީއޯގެ މަގާމަށް ޑރ. ވިތާލީ ލުބިމޮފް އައްޔަނުކޮށްފި އެވެ.
ޑރ. ވިތާލީ ލުބިމޮފް އަކީ ޔޫކްރެއިން އަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. މިފްކޯއިން ވަނީ އެ ބޭފުޅާ ރަސްމީ މަސައްކަތާ މާދަމާ ހަވާލުވާނެ ކަމަށް ދީފައެވެ.
ޑރ. ލުބިމޮފްގެ ލިންކްޑިން ގައި ވާ ގޮތުން އޭނާ އަކީ އަޑިއަޅާލާފައިވާ ކުންފުނިތައް ދެމެހެއްްޓެނިވި ވިޔަފާރި މޮޑެލްއަކަށް ބަދަލުކުރުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.
ޑރ. ލުބިމޮފްގެ އެންމެ ފަހުން އަދާކުރެއްވީ އިންވެސްޓް ކޮރަސް ކެޕިޓަލްގެ ޗީފް ރިސްކު އޮފިސަރުގެ މަގާމެވެ.
މިފްކޯގެ ސީއީއޯގެ މަގާމުގައު އެންމެ ފަހުން ހުންނެވީ އަހުމަދު ޝަމާހު ރަޝީދުއެވެ. ގިނަ ތުހުމަތުތަކެއް އަމާޒުވާ ޝަމާހު އެ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް އެ މަގާމުން ޝަމާހު ވަކިކޮށް މާގިނަ ދުވަސްތަކެއް ނުވަނީސް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓަކަށް އޭނާ ވަނީ އައްޔަންކޮށްފައެވެ.
އޭގެ ފަހުން ދެ ލައްކައެއްހާ ރުފިޔާގެ މުސާރައަކަށް މިދިޔަ ޖޫން މަހު އެ މަގާމަށް ކުރިމަތިލާން ހުޅުވާލި އެވެ. އެކަމަކު ޝަރުތު ހަމަނުވާ ކަމަށް ބުނެ އަނެއްކާވެސް ސެޕްޓެމްބަރު މަހު އެ މަގާމަށް ހުޅުވާލި އެވެ.


