މަހާސިން އަލް-ޚަޠީބް އޭނާގެ ހުނަރުވެރިކަން ބޭނުންކޮށްގެން އިސްރާއީލުން ޣައްޒާއަށް ދިން ހަނގުރާމައިގެ ބިރުވެރިކަން ކުރެހުމުން ދައްކުވައިދެމުން އައީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެންނެވެ.
ހޮނިހިރު ދުވަހު، އޭނާ އެންމެ ފަހުން ކުރެހި މަސައްކަތަކީ، އަލް-އަޤްޞާ ހޮސްޕިޓަލަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި އަނދައިގެން މަރުވި 19 އަހަރުގެ ޝަބާން އަލް-ދަލޫގެ ކުރެހުމެކެވެ.
އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި، އުތުރު ޣައްޒާގެ ޖަބާލިޔާ ކޭމްޕުގައި ހުރި އޭނާގެ ހިސާބަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އޭނާ ވަނީ ޝަހީދުވެފައެވެ.
މި ހަމަލާ ދިން ވަގުތު މަހާސިންއާއި އޭނާގެ އާއިލާ ތިބީ ގޭގައެވެ. ފޭސްބުކް ޕޯސްޓެއްގައި އޭނާ ހިއްސާކުރި ގޮތުގައި، ޣައްޒާގައި ސަލާމަތްވާން ދެން އިތުރު ތަނެއް ނެތެވެ. އަދި މިހާރުވެސް އެތައް ފަހަރެއްގެ މަތިން ސަލާމަތްވުމަށް އެހެން ތަންތަނަށް ދާންޖެހި، މަރު އަބަދުވެސް ކައިރީގައި ވާކަމަށް އޭނާ ބުންޏެވެ.
ފާއިތުވި 15 ދުވަހުގެ ތެރޭގައި، އިސްރާއީލުގެ ސިފައިން ވަނީ އުތުރު ޣައްޒާއަށް ވަދެ، ހުއްޓުމެއް ނެތި ބޮންއެޅުން ގެންގޮސްފައެވެ. މިއީ 7 އޮކްޓޯބަރު 2023 އިން ފެށިގެން އެންމެ ގަދަފަދަ ހަމަލާކަމަށް އެ ސަރަހައްދުގެ ރައްޔިތުން ބުނެއެވެ.
"ގެ އޮތީ ހިޖުރަކުރި މީހުންނައިގެން ފުރިފައި، އެއީ އިސްރާއީލުން އެ ސަރަހައްދަށް ގަދަފަދަ ހަމަލާތަކެއް ދިން ވަގުތު. މަހާސިން ވަގުތުން މަރުވި އަދި 8 މީހުން ޒަޚަމްވި، އޭގެ ތެރެއިން ބައެއް މީހުންގެ ހާލަތު ވަރަށް ގޯސް." މަހާސިންގެ ބޮޑުބޭބެ، ހުސާމް އަލް-ޚަޠީބް ބުންޏެވެ.
އެމްބިއުލާންސްތަކާއި ސިވިލް ޑިފެންސްގެ އުޅަނދުތަކަށް އެ ސަރަހައްދަށް ދިއުމަށް ވަރަށް ބޮޑަށް ދަތިވެފައިވަނީ ބޮޑެތި ހަތިޔާރުތަކުން ދެމުންދާ ހަމަލާތަކުގެ ސަބަބުންނެވެ.
"އަހަރެމެންނަށް އަދިވެސް އޭނާގެ ހަށިގަނޑު ވަޅެއްނުލެވޭ." އޭނާ އިތުރަށް ބުންޏެވެ.
ހަނގުރާމައިގެ ތެރޭގައި ކުރެހުން
މަހާސިންއަކީ ކުރެހުންތެރިއެއް، ސްޓޯރީބޯޑް އާޓިސްޓެއް، ފްރީލާންސް ކެރެކްޓަރ ޑިޒައިނަރެއް އަދި ޑިޖިޓަލް އާޓް މެންޓަރެކެވެ. އޭނާގެ މަސައްކަތުން އާއިލާއަށް އެހީތެރިވިއެވެ. އޭނާ އޭނާގެ ހުނަރު ބޭނުންކުރީ ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތުކުރުމަށާއި އިސްރާއީލުން ފަލަސްޠީނުގައި ކުރާ އަނިޔާތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ.

މަހާސިން އަލް-ޚަޠީބްގެ ބައެއް ކުރެހުންތައް
ހަނގުރާމައިގެ ތެރޭގައިވެސް، އޭނާ އިންޓަރނެޓް ލިބޭ މީހުންނަށް އާމްދަނީ ހޯދުމަށް މަގުފަހިކޮށްދިނުމަށްޓަކައި ހިލޭ އޮންލައިން ފްރީލާންސް ޑިޖިޓަލް އާޓް ކޯސްތަކެއް ފެށިއެވެ.
"މަހާސިންއަކީ ޣައްޒާގެ އެންމެ ޕްރޮފެޝަނަލް، ތަވާޟުޢުވެރި އަދި ލޯބިވެތި އާޓިސްޓުންގެ ތެރެއިން އެކަކު.އޭނާ ކިޔަވައިދިން ނުވަތަ ބައްދަލުވި ކޮންމެ މީހެއްގެ ހިތުގައި ދެމިހުންނަ އަސަރެއް ދޫކޮށްފައި ދިޔައީ" މަހާސިންގެ ދަރިވަރެއް އަދި ރަޙްމަތްތެރިއެއް ކަމުގައިވާ ޖުމާނާ ޝާހިން ބުންޏެވެ.
ހުއްޓުމެއްނެތި ދެމުންދިޔަ ބޮމުގެ ހަމަލާ އާޢި ދަށް އިންޓަރނެޓް ގުޅުމާ އެކުވެސް، އޭނާ އާންމުކޮށް ޣައްޒާގެ ޙަޤީޤަތް ކުރެހުމުން ދައްކުވައިދީ، އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ގެންދިޔައެވެ.
"އޭނާ އެއްފަހަރު އަހަންނަށް ބުނި، އޭނާ ބޭނުންވަނީ ވީހާވެސް ގިނައިން އޭނާގެ ޢިލްމާއި ތަޖުރިބާ ހިއްސާކުރަން ކަމަށް. އެއީ އޭނާ މަރުވެއްޖެނަމަ، އޭނާގެ ޢިލްމު އެހެން މީހުންގެ ތެރެއިން ދިރިހުންނާނެތީއޭ،" މިޞްރަށް ހިޖުރަކުރުމަށްފަހު، މަހާސިންއާ ގުޅުން ބޭއްވި ޝާހިން ބުންޏެވެ.
"އަހަރެން އޭނާހާ ކެތްތެރި މީހަކު ދުވަހަކުވެސް ނުދެކެން. އޭނާ ބަނޑުހައިހޫނުކަމާއި ބިރުވެރި ބޮމުގެ އަޑުތަކުގެ ވާހަކަ ދައްކާއިރުވެސް، އެކަން ކުރަނީ ހިނިތުންވުމާއެކު،" ޝާހިން އިތުރުކުރިއެވެ.
މީޑިއާ އަދި ގްރެފިކް ޑިޒައިން ކުންފުންޏެއްގައި މަހާސިންއާއެކު މަސައްކަތްކުރި ބިލާލް އަބޫނަދީ އަދިވެސް ހުރީ އޭނާ މަރުވި ޚަބަރުގެ ޝޮކުގައެވެ.
އޭނާ މަރުވި ޚަބަރު އަވަހަށް ސޯޝަލް މީޑިއާގައި ފެތުރި، އޭނާގެ އެތައް ހާސް ފޮލޯވަރުންނާއި، ދަރިވަރުންނާއި، އެކްޓިވިސްޓުން ދަނީ ހިތާމަކުރަމުންނެވެ.


