Tuesday, 28 July 2026
ހޮރްމޫޒް ކަނޑުއޮޅިގައި ތެޔޮ ޓޭންކަރުތަކާއި މުދާ އުފުލާ އުޅަނދުތައް ސަފު ހަދާފަ -- ފޮޓޯ: އަލްތާފް ގާދްރީ/އޭޕީ

އެމެރިކާގެ ބްލޮކޭޑް ނިމުމަކަށް ގެނެސް ހަނގުރާމަ ހުއްޓާލައިފިނަމަ ހޯރްމުޒް ކަނޑުއޮޅި ހުޅުވާނަން: އީރާން

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ބްލޮކޭޑް ނިމުމަކަށް ގެނެސް، މިހާރު ކުރިއަށްދާ ހަނގުރާމަ ހުއްޓާލައިފިނަމަ، ދުނިޔޭގެ އިގްތިސާދަށް މުހިންމު ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ހުށަހަޅައިފިއެވެ. ސަރަހައްދީ ދެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، ޕާކިސްތާނު މެދުވެރިކޮށް އެމެރިކާއަށް ހުށަހެޅި މި ހުށަހެޅުމުގައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ފަސްކުރުމަށް ވަނީ ހުށަހަޅާފައެވެ.

މި ހުށަހެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ އްބަސްވެވަޑައިގަތުމަކީ ދުރު ކަމެއް ކަމަށް ބެލެވެއެވެ. ސަބަބަކީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް މެދުވެރިވި މައިގަނޑު މައްސަލަތަކަށް މި ހުށަހެޅުމުން ހައްލެއް ނުލިބޭތީއެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ނުހިމެނޭ އެއްވެސް އެއްބަސްވުމަކަށް ނޫނެކޭ ވިދާޅުވެފައެވެ.

ދުނިޔޭގެ ބާޒާރަށް ނެރޭ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޯރްމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން، އެމެރިކާއާއި އީރާނާ ދެމެދު ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. އެމެރިކާގެ ބްލޮކޭޑްގެ ސަބަބުން އީރާނަށް ތެޔޮ ނުވިއްކޭއިރު، މީގެ ސަބަބުން އެގައުމުގެ އާމްދަނީއަށް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ. އަނެއްކޮޅުން، ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، އެމެރިކާގެ ރައީސް ޓްރަމްޕަށް ވަނީ ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

މި ބްލޮކޭޑްގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅިގެން ގިނަ ގައުމުތަކެއްގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ވަކިން ހާއްސަކޮށް ކާބޯތަކެއްޗާއި، ގަސްކާނާ ފަދަ ޒަރޫރީ ތަކެތީގެ އަގު އުފުލެމުންދާތީ، ބްލޮކޭޑް ނިމުމަކަށް ގެނައުމަށް ގައުމުތަކުން ދަނީ ގޮވާލަމުންނެވެ.

އީރާނުގެ މި ހުށަހެޅުމަކީ މިދިޔަ ބަންދު ދުވަސްތަކުގައި އީރާނާއި ޕާކިސްތާނުގެ އޮފިޝަލުންގެ މެދުގައި ބޭއްވުނު ސިއްރު މަޝްވަރާތަކަކަށްފަހު އައި ހުށަހެޅުމެކެވެ. ނަމަވެސް، ނިއުކްލިއާ މައްސަލަ ފަސްކުރުމަށް އީރާނުން ބޭނުންވާއިރު، ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ހަނގުރާމަ ފެށި މައިގަނޑު ސަބަބަކީ އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދިނުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *