Tuesday, 28 July 2026

ޑިޖިޓަލް އިކޮނޮމީއެއް ގާއިމް ކުރުމަށް އިންޑިއާގެ އެހީ ބޭނުންވޭ: ރައީސް

ރާއްޖެ މިހާރު މިސްރާބު ޖަހާފައި ވަނީ ޑިޖިޓަލް އިކޮނޮމީއެއް ގާއިމް ކުރުމަށް ކަމަށް ވާއިރު، އިންޑިއާއަކީ އެ މަސައްކަތުގައި މުހިންމު ބައިވެރިއަކަށް ވެ، އިސް ދައުރެއް އަދާކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ނިއުދިއްލީގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ ގިނަ ދާއިރާތަކުން ރާއްޖޭގައި އިންވެސްޓު ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އިންވެސްޓްމަންޓަކާ އެކުގައި ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައި އެ މަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

"އަޅުގަނޑު މިއަދު މި ތަނުގައި ހުރެ ތިޔަ ހުރިހާ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ދަންނަވައި މި ދައުވަތު އަރުވަނީ ރާއްޖޭގައި ހުރި އިގުތިސާދީ ފުރުސުތައް ހޯދައި އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް،" ދިއްލީގައި ރައީސް މުއިއްޒު ހުންނަވާ ހޮޓަލުގައި ބޭއްވި ބިޒްނަސް ފޯރަމްގައި އެ މަނިކުފާ އެދިވަޑައިގަތެވެ.

އެ ގޮތުން އިންވެސްޓު ކުރުމުގެ އައު ގާނޫނެއް އެކުލަވާލައި، އެއިން އިންވެސްޓަރުންނަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުވަރުކޮށްދީފައިވާކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގެ އިގްތިސާދަށް އައު ސިނާއަތްތައް ތައާރަފު ކުރައްވައި، އިގްތިސާދު ފުޅާ ކުރުމަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަ ކުރައްވާފައިވެއެވެ.

ރާއްޖެ މިހާރު މިސްރާބު ޖަހާފައި ވަނީ ޑިޖިޓަލް އިކޮނޮމީއެއް ގާއިމް ކުރުމަށް ކަމަށް ވާއިރު، އިންޑިއާއަކީ އެ މަސައްކަތުގައި މުހިންމު ބައިވެރިއަކަށް ވެ، އިސް ދައުރެއް އަދާކޮށްދޭން ރައީސް އެދިވަޑައިގަތެވެ. ސަބަބަކީ އިންޑިއާއަކީ ޑިޖިޓަލް އިކޮނޮމީގައި އެންމެ ކުރީގައި އުޅޭ ގައުމު ކަމަށް ވުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *