ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ކ. މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ މާލެ ސިޓީ ފިޔަވައި އެހެން ރަށަކުން މި ޚިދުމަތް ލިބެން ފެށި ފުރަތަމަ ފަހަރެވެ.
މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދެއްވަން ފައްޓަވާނެކަން ރައީސް މުޢިއްޒު އިޢުލާންކުރައްވާފައި ވަނީ، 19 އޮގަސްޓް 2023 ގައި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި، ކ.ގުރައިދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑޮލަރުގެ މުޢާމަލާތްތައް އެންމެ ފުޅާކޮށް ރާއްޖޭގައި ހިނގާ އެއްރަށަކީ މާފުށިކަން ފާހަގަކުރައްވައި އެރަށުގެ އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި އެންމެ ފުރަތަމަ މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ރަށަކަށް މާފުށި ހައްދަވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ރިޔާސީ ކެންޕެއިންގައި އެކަން އިޢުލާނުކުރެއްވުމުގެ އިތުރުން، އޭގެ ފަހުން 'ރައީސްގެ ޖަވާބު' ސިލްސިލާގައިވެސް ވީހާވެސް އަވަހަށް މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށަން މަސައްކަތް ކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.


