ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ކާޑު ބޭނުންކުރުމުގެ ލިމިޓް އިތުރަށް ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުން ތަންފީޒު ކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، ސަރުކާރުގެ އެދުމާ ގުޅިގެން ޑޮލަރު ލިމިޓްގެ އާ އުސޫލު ތަންފީޒުކުރުމާ ގުޅޭގޮތުން އިތުރަށް މަޝްވަރާ ކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ލިބެން ހުރި ޑޮލަރުގެ އަދަދު މަހަކު 1200 ޑޮލަރަށް އިތުރުކުރުމަށެވެ. ނަމަވެސް ޑޮލަރުގެ ރިޒާވް ނެތުމުގެ ސަބަބުން އެ އަދަދު އިތުރުކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަން ބޭންކުން ފާހަގަކުރެއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރައީސް އިއުލާނު ކުރެއްވި ސިޔާސަތު ތަންފީޒު ކުރާނެ ނިޒާމެއް އެކުލަވާލުމަށް ބީއެމްއެލް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އަދި ބުނީ ރާއްޖޭގައި މިހާރު ޑޮލަރަށް އޮތް ޑިމާންޑާއި އެ ސިޔާސަތު ތަންފީޒު ކުރުމަށް ހުރި ހުރަސްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ކާޑުގެ ލިމިޓް އިތުރުކުރުމުން ދަރިވަރުންނަށް މަންފާ ލިބޭތޯ ބެލުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ދަފްތަރެއ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދައުލަތުގެ ރަސްމީ ރިޒާވް އިތުރުކުރުމާއެކު ބޭންކިން ސިސްޓަމުން ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކުރުމަށް މިނިސްޓްރީ އާއި އެމްއެމްއޭ އަދި ބޭންކްތައް ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


