Tuesday, 28 July 2026
އެފްކޮންސް އިން މުމްބާއީގައި ކުރިއަށްގެންދާ ހައި-ސްޕީޑް ރޭލު ޓަނަލް މަޝްރޫއު -- ފޮޓޯ: ރާއްޖެ24

އެފްކޮންސް އިން ޔޫރަޕްގެ ބޮޑު ރޭލު މަޝްރޫއެއް ކާމިޔާބުކޮށްފި

އިންޑިއާގެ މަޝްހޫރު ކުންފުނި، އެފްކޮންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑުން ޔޫރަޕްގެ ގައުމެއް ކަމަށްވާ ކްރޮއޭޝިއާގައި ބޮޑު ރޭލުވޭ މަޝްރޫއެއްގެ ބިޑު ކާމިޔާބު ކޮށްފިއެވެ. މިއީ އެ ކުންފުނީގެ ތާރީޚުގައި ބައިނަލްއަގުވާމީ މައިދާނުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު މަޝްރޫއެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ހުރި ރޭލު ދަގަނޑުތައް މަރާމާތުކުރުމާއި، ދެވަނަ ރޭލު ދަގަނޑެއް އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން ސިވިލް މަސައްކަތްތަކާއި، ކަރަންޓުލުމާއި، ސިގްނަލް އަދި މުވާސަލާތީ ނިޒާމު ގާއިމުކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 677.07 މިލިއަން ޔޫރޯއެވެ.

އެފްކޮންސްގެ އެގްޒެކެޓިވް ޗެއާމަން ކްރިޝްނަމުރުތީ ސުބްރަމާނިއަން ވިދާޅުވީ، މިއީ އެ ކުންފުނި ޔޫރަޕްގެ މާކެޓަށް ވަނުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އުމްރާނީ މަޝްރޫއުތައް ހިންގުމުގެ ގާބިލުކަން އެ ކުންފުންޏަށް ލިބިފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އެސް. ޕަރަމަސިވަން ވިދާޅުވި ގޮތުގައި، މި މަޝްރޫއަކީ ޔޫރަޕްގެ ގައުމެއްގެ ރޭލުވޭ ނިޒާމު ޒަމާނީ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގެ ސަބަބުން ބައިނަލްއަގުވާމީ އުމްރާނީ ތަރައްގީގެ މައިދާނުގައި އެފްކޮންސްގެ މަގާމު އިތުރަށް ވަރުގަދަވެގެންދާނެއެވެ.

އެފްކޮންސް އިން މިހާރު ދަނީ މި މަޝްރޫއާ ގުޅޭ ރަސްމީ އިޖުރާއަތްތައް ފުރިހަމަކުރަމުންނެވެ. އެ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރު ކްޝިތިޖް ބާސްކަރް ވިދާޅުވީ، މަސައްކަތް ފެށުމަށް ބޭނުންވާ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ޝަޕޫރްޖީ ޕަލޮންޖީ ގްރޫޕްގެ ދަށުން ހިންގާ އެފްކޮންސް އަކީ ފާއިތުވި 60 އަހަރު ދުނިޔޭގެ އެކި ގައުމުތަކުގައި އިންޖިނިއަރިންގ އަދި ކޮންސްޓްރަކްޝަންގެ ބޮޑެތި މަޝްރޫއުތައް ހިންގާފައިވާ ކުންފުންޏެކެވެ. އީއެންއާރު ސާވޭތަކުން ދައްކާގޮތުގައި އެފްކޮންސް އަކީ ދުނިޔޭގެ އެންމެ ވަރުގަދަ 140 ކޮންޓްރެކްޓަރުންގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *