Tuesday, 28 July 2026
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ --ފޮޓޯ: ޓްރެވަލް ޓްރޭޑް މޯލްޑިވްސް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8 ލައްކަ އަށްވުރެ މައްޗަށް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު 827,245 އަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.3 އިންސައްތަ ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 873,772 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ދުވާލަކު އެވްރެޖްކޮށް 6,618 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. މި މަހުގެ މިހާތަނަށް އެކަނިވެސް 25,809 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރޭގައި ވިޔަފާރި ބޭނުންތަކަށް އައި 6,259 ފަތުރުވެރިންނާއި، ކްރޫޒް ލައިނާތަކުގައި އައި 13,808 ފަސެންޖަރުން ހިމެނެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައި 124,722 ފަތުރުވެރިންނާއެކު ޗައިނާ އޮތްއިރު، ދެވަނައިގައި އޮތީ 106,720 ފަތުރުވެރިންނާއެކު ރަޝިޔާއެވެ. ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 73,140 ފަތުރުވެރިން ވަނީ އައިސްފައެވެ.

ފަތުރުވެރިން ރާއްޖެ އެތެރެވާ ދޮރާށިތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށެވެ. އެ އެއާޕޯޓުން 803,028 ފަތުރުވެރިން އެތެރެވެފައިވާއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓުން 3,354 ފަތުރުވެރިން އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން 3,012 ފަތުރުވެރިން ވަނީ އެތެރެވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *