ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގުޅިގެން ކުރި މަސައްކަތުން ޖެޓް ފިއުލްގެ އަގު ކުޑަކުރެވިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ މިނިސްޓަރުންގެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއް އޮތް ކަމަކަށް ވުމާއެކު، ސަރުކާރުން ކުރި މަސައްކަތުން މިހާރު ވަނީ ޖެޓް ފިއުލްގެ ކޮންމެ ލީޓަރަކުން 24 ސެންޓް ކުޑަކުރެވިފައެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި ލިބުނު ބޮޑު ލުޔެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، މިދިޔަ މަހު އެމްއޭސީއެލްއިން ވަނީ ޖެޓް ފިއުލް ލީޓަރެއްގެ އަގު 1.19 ޑޮލަރުން 1.69 ޑޮލަރަށް ބޮޑުކޮށްފައެވެ. މިއީ ގާތްގަނޑަކަށް 42 ޕަސެންޓުގެ އިތުރުވުމެކެވެ. މި ބަދަލާއެކު އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވެ، ގައުމީ އެއާލައިން މޯލްޑިވިއަންއިން ފަތުރުވެރިންނަށް ވިއްކާ ޓިކެޓުގެ އަގުވެސް ވަނީ ބޮޑުކޮށްފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މެދުއިރުމަތީގެ ހާލަތު ބަދަލުވެ ކޮރިޑޯތައް ހުޅުވެމުންދާ ވަރަކަށް، ރާއްޖެއަށް ލިބެމުންދާ ގެއްލުންތަކަށް ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި އިތުރު އަލިކަމެއް ލިބޭނެ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ. "މީގެއިން މި ދައްކައިދެނީ އަޅުގަނޑުމެންނަށް ހަނގުރާމައިގެ ހާލަތު ބަދަލުވެ… އަޅުގަނޑުމެންނަށް އަލިކަމެއް ފެންނާނެ ކަމުގެ ނިޝާންތައް،" އަމީން ވިދާޅުވިއެވެ.
ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ އޮމާނުން ކަމަށްވާއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ތެޔޮ ލިބުމަށް ހުރަސްތައް ކުރިމަތިވެއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އޮމާން ނޫން އެހެން ގައުމުތަކުންވެސް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.


