Tuesday, 28 July 2026

ބީއެމްއެލްގެ ތާރީހުގައި ވެސް އެންމެ ބޮޑު ހިއްސާގެ ފައިދާ ބަހަން ފާސްކޮށްފި

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބުނު މާލީ ބޮޑު ކުރިއެރުމާއެކު، ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ރޭ ފާސްކޮށްފިއެވެ. ބޭންކުގެ 43 ވަނަ އަހަރީ ޖަލްސާގައި ނިންމި މި ނިންމުމާއެކު، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހާނެއެވެ. މިއީ ބޭންކުގެ ދިގު ތާރީހުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދުކަން ފާހަގަކޮށްލެވެއެވެ.

ފައިދާގެ އިތުރުން، މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށް ވެސް ޖަލްސާގައި ވަނީ ނިންމާފައެވެ. މި ބޯނަސް ހިއްސާ ދޫކުރުމަށްފަހު، 50 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއެއްގެ ބުކް ވެލިއު 1,015.90 ރުފިޔާއަށް އުފުލިގެންދާނެއެވެ. އެހެންކަމުން، މިއަހަރު ކޮންމެ ހިއްސާއަކަށް ޖުމްލަ 2,091.80 ރުފިޔާގެ ނަފާއެއް ހިއްސާދާރުންނަށް ލިބިގެންދާނެ ކަމަށް ބޭންކުން މައުލޫމާތުދެއެވެ.

ބޯނަސް ހިއްސާ ދޫކުރުމަށް ބޭންކުން ނިންމި މައިގަނޑު ސަބަބަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން ނުވަތަ ބާޒާރުގެ އަގު އިތުރުކޮށް، ހިއްސާދާރުންނަށް ލިބޭ މާލީ ނަފާ މަތިކުރުމެވެ. މީގެ އިތުރުން، މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާވެ، ހަރަކާތްތެރިވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ދެކެއެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކަށް ވާއިރު، މިދިޔަ އަހަރަކީ އެ ބޭންކަށް މާލީ ގޮތުން ކާމިޔާބު އަހަރެކެވެ. ރޭ ބޭއްވި ޖަލްސާގައި ހިއްސާދާރުން ވަނީ ބޭންކުގެ ހިންގުމާއި މާލީ ނަތީޖާއާ މެދު ހިތްހަމަޖެހުން ފާޅުކޮށް، ހުށަހެޅުނު ކަންކަން ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *