މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 0.8 އިންސައްތަ ދަށް އަދަދެއް ކަމަށްވާއިރު، އެ މަހު ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށްވުރެ 11.6 އިންސައްތަ ވަނީ ދަށްވެފައެވެ. އާމްދަނީ ދަށްވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ރިޒޯޓު ކުލިން ލިބުނު އާމްދަނީ މަދުވުން ހިމެނެއެވެ.
މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 599.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 200.36 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 134.33 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 126.85 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭއިރު، މިއީ ޖަނަވަރީ މަހާ އަޅައިބަލާއިރު 30 އިންސައްތައިގެ ދަށްވުމެކެވެ. މީރާއިން ބުނި ގޮތުގައި އާމްދަނީ ދަށްވި އަނެއް ސަބަބަކީ ޓެކުހުގެ ސުންގަޑިތައް ބަންދު ދުވަސްތަކާ ދިމާވުމުން ފައިސާ ދެއްކުމުގެ މުއްދަތު މި މަހުގެ ދުވަސްތަކަކަށް އިތުރުކޮށްފައިވުމެވެ. ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އެޑްވާންސްކޮށް ދައްކާފައިވާ ފައިސާ އިތުރުވެފައިވާކަން އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
\nނުދެއްކި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން މިދިޔަ މަހު 666 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން ހޯދި 399 މިލިއަން ރުފިޔާއާއި، ޑިއުސް ކްލިއަރެންސްގެ ތެރެއިން ލިބުނު 156 މިލިއަން ރުފިޔާ ހިމެނެއެވެ. މީރާއަށް މިދިޔަ މަހު ލިބުނު ޖުމްލަ އާމްދަނީގެ 16.9 އިންސައްތައަކީ މިގޮތަށް ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބުނު ފައިސާއެވެ.


