Tuesday, 28 July 2026

ފަވަރަ އާއި އިންޑިއާގެ ޔޫޕީއައި އަންނަ އަހަރުގެ ޖުލައި މަހުގައި ގުޅާލަނީ

ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ގުޅާލައި، ބޯޑަރު ހުރަސްކޮށް މުއާމަލާތް ކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޚު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ، މިއީ ދެ ޤައުމުގެ ދެމެދުގައި ފަސޭހަ އަދި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

މި ނިޒާމުގެ ތެރެއިން އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގެ ޤައުމީ ކިއު.އާރު ކޯޑުގެ މިންގަނޑުތަކާ އެއްގޮތަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ޕޭމަންޓް މޯލްޑިވްސްއިން ފަވަރާގެ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރާނެއެވެ. ގަވަރުނަރު ވަނީ ޕޭމަންޓް މޯލްޑިވްސްގެ އިކުއިޓީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ބޭންކުތަކަށާއި ފައިސާގެ ޚިދުމަތްދޭ ފަރާތްތަކަށް މިހާރު ހުޅުވާލާފައިވާކަންވެސް ހާމަކުރައްވާފައެވެ.

މާލީ ނިޒާމުގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގަވަރުނަރު ވަނީ ރާއްޖޭގައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކާ ހަވާލާދީ އޭނާ ވިދާޅުވީ، މިދިޔަ ނޮވެމްބަރު މަހު އެކަނިވެސް 165 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން 1.2 މިލިއަން ރުފިޔާގެ ގެއްލުން ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5 މައްސަލަ ކަމަށްވެސް ގަވަރުނަރު ފާހަގަކުރެއްވިއެވެ.

މިފަދަ މައްސަލަތަކަށް ޙައްލެއް ހޯދުމަށް އެމްއެމްއޭއިން ވަނީ "ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ" އިފްތިތާޚުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *