ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި ކުރެވޭ މުއާމަލާތްތަކުގެ އަދަދު 3،000 ޑޮލަރާ ހަމައަށް އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ބަދަލު ގެންނަނީ ބޭންކުގެ އަހަރީ ދުވަސް ކަމުގައިވާ ނޮވެންބަރު 11 އިން ފެށިގެންނެވެ.
މ. މުލީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ބަދަލާ އެކު ރާއްޖޭން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުގައި ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރުކުރެވޭނެއެވެ. އަދި އެއާލައިން ޓިކެޓާއި ބޭރުގެ ހޮޓާތަކަށް ފައިސާ ދެއްކުމަށް 3،000 ޑޮލަރުގެ ލިމިޓެއް ކަނޑައެޅިގެންދާނެއެވެ.
މީގެ އިތުރުން، ބޭރުގެ ހޮސްޕިޓަލްތަކަށް ފައިސާ ދެއްކުމަށް ބޭންކުގައި އެދުމުން ޑެބިޓް ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ މުއާމަލާތެއްވެސް ކުރެވޭނީ ރަސްމީ ރޭޓު ކަމަށްވާ 15.42 ރުފިޔާގެ ރޭޓުންނެވެ.
ފާއިތުވި ޖޫން 30 ގައި ޑެބިޓް ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް އިތުރުކުރުމަށްފަހު، މިއީ އެ ލިމިޓަށް ގެނެވޭ ދެވަނا ބޮޑު ބަދަލެވެ. މި ބަދަލުތަކަކީ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅޭ ފިޔަވަޅުތަކެކެވެ.


