Tuesday, 28 July 2026

ޔޫއެސް ޓެރިފް: މެދު އިރުމަތީގެ ހިއްސާ އަދި ތެލުގެ އަގު ވެއްޓިއްޖެ

އެމެރިކާއިން އަލަށް ތަޢާރަފުކުރި ޓެރިފްތަކާއިއެކު، ތެލުގެ އަގު ވެއްޓި މެދު އިރުމަތީގެ ސްޓޮކް މާކެޓްތަކަށް ބޮޑު ލޮޅުމެއް ކުރިމަތިވެއްޖެއެވެ. މިގޮތުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ސަޢޫދީ އަރަބިއްޔާގެ ތަދާވުލް ސްޓޮކް އެކްސްޗޭންޖަށެވެ.

އާދީއްތަ ދުވަހު ތަދާވުލް ސްޓޮކް އެކްސްޗޭންޖް 6.78 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މިއީ ކޮވިޑް-19 ބަލިމަޑުކަން ފެށުނު ފަހުން އެއް ދުވަހެއްގެ ތެރޭގައި އައި އެންމެ ބޮޑު ވެއްޓުމެވެ. ސަޢޫދީ ސަރުކާރުގެ މާލީ ނޫސް އަލް-އިގްތިސާދިއްޔާ އިން ބުނާ ގޮތުގައި އާދީއްތަ ދުވަހުގެ ވިޔަފާރީގައި މާކެޓް ވެލިއުއިން 133 ބިލިއަން ޑޮލަރު ގެއްލިފައިވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި، ސަޢޫދީ އަރާމްކޯގެ ހިއްސާވެސް 5.3 އިންސައްތަ ދަށަށް ގޮސް، އެ ކުންފުނީގެ އަގުން ބިލިއަން ޑޮލަރުތަކެއް އުނިވެގެން ގޮސްފައިވެއެވެ. މީގެ އިތުރުން ގަތަރުގެ ކިއު.އީ އެކްސްޗޭންޖް 4.2 އިންސައްތަ އަދި ކުވެއިތުގެ ޕްރައިމަރީ އިންޑެކްސް 5.7 އިންސައްތަ ދަށަށް ގޮސްފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދުނިޔޭގެ ގިނަ ގައުމުތަކަށް ޓެރިފް ކަނޑައަޅާނެ ކަމަށް އިއުލާނު ކުރެއްވުމާ ގުޅިގެން ދުނިޔޭގެ ސްޓޮކް މާކެޓްތަކުން ޓްރިލިއަން ޑޮލަރުތަކެއްގެ އަގު ވަނީ އުނިވެފައެވެ. މި ޓެރިފްތައް ކަނޑައަޅާފައިވަނީ އެމެރިކާއާއެކު އެ ގައުމުތަކުގެ ވިޔަފާރީގެ ދަރަނީގެ މައްޗަށް ބިނާކޮށެވެ.

މި ޓެރިފްތަކުގެ ސަބަބުން މެދު އިރުމަތީގެ ގިނަ ގައުމުތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. ބަހްރެއިން، މިސުރު، އީރާން، ކުވެއިތު، ލެބަނަން، މޮރިޓޭނިއާ، މޮރޮކޯ، އޮމާން، ގަތަރު، ސަޢޫދީ އަރަބިއްޔާ، ސޫދާން، ތުރުކީ، ޔޫ.އޭ.އީ އަދި ޔަމަނަށް 10 އިންސައްތައިގެ އަސާސީ ޓެރިފް ރޭޓެއް ވަނީ ކަނޑައަޅާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *