ބޭންކް އޮފް މޯލްޑިވްސް އިން ގެދޮރު ގަންނަން ފައިނޭންސް އަދި ލޯން ނަގާ ފަރާތްތަކަށް އަނބުރާ ފައިސާ ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށް ގްރޭސް ޕީރިއަޑްގެ މުއްދަތު 2 އަހަރަށް އިތުރުކޮށްފިއެވެ. މީގެ ކުރިން ހޯމް ޕާޗޭސް ފައިނޭންސް ނަގާ ފަރާތްތަކަށް އަނބުރާ ފައިސާ ދެއްކުމުގެ މުއްދަތު އެންމެ ގިނަވެގެން ދެވެނީ 20 އަހަރުގެ އަދި ގްރޭސް ޕީރިއަޑް އަކަށް އެންމެ ގިނަވެގެން ދެވެނީ 18 މަހެވެ.
ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތަށް މިބަދަލު ގެނެވުނުއިރު އިކުއިޓީ އަދި އިންޓްރެސްޓް ރޭޓަކަށް އެއްވެސް ބަދަލެއް ގެނެއްސައެއް ނުވެއެވެ. އެހެންނަމަވެސް 2021 ވަނަ އަހަރު މިބޭންކްއިން ވަނީ ހޯމް ޕާޗޭސް ފައިނޭންސިންގެ ރޭޓް 9 ޕަސަންޓަށް ދައްކޮށްފައިވެއެވެ. މިއީ ދިވެހިރާއްޖޭގައި މިވަގުތު ހޯމް ލޯން ދޫކުރާ އެންމެ ކުޑަ ރޭޓެވެ.
މިމަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ހޯމް ފައިނޭންސިން އަށް ހުށަހަޅާ ފަރާތްތަކަށް މިލުއިތަށް ލިބިގެން ދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތުތައް އެކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.


