ލުޤްމާނުގެފާނަކީ މާތް ﷲ އެބޭފުޅަކަށް ޙިކުމަތް ދެއްވި ބޭފުޅެކެވެ. ޙިކުމަތްތެރިކަމުގެ ލަޤަބު އެކަލޭގެފާނަށް ދެއްވީ ޚުދު ﷲ سبحانه وتعالىއެވެ. އެކަލޭeފާނުގެ ޙިކުމަތްފުޅުގެ މަތިވެރިކަން އެނގޭ އެންމެ ބޮޑު އެއް ހެއްކަކީ ﷲގެ ކަލާމެފުޅު ކަމުގައި ވާ ކީރިތި ޤުރުއާނުގައި އެކަލޭގެފާނުގެ ނަންފުޅު ޒިކުރުކުރެވިފައި އޮތް އޮތުމެވެ. އޭގެ އިތުރަށް ޤުރުއާނުގެ އެއް ސޫރަތަށް އެކަލޭގެފާނުގެ ނަންފުޅުން ނަންދެއްވައިފައި އޮތުން ވެސް އެއީ އެކަމަށް ދަލީލުކުރާ އިތުރު ހެއްކެކެވެ. ލުޤްމާނު ސޫރަތުގެ 12ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَلَقَدْ آتَيْنَا لُقْمَانَ الْحِكْمَةَ … ﴾ (لقمان: ١٢) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ލުޤްމާނުގެފާނަށް ޙިކުމަތް ދެއްވީމެވެ."
ލުޤުމާނުގެފާނުގެ ޙިކުމަތްފުޅުގެ ވާހަކަ ޤުރުއާނުގައި ނަންގަނެވިގެން ވަނީ އެކަލޭގެފާނު ދަރިކަލުންނަށް ދެއްވި ނަޞޭޙަތް ޒިކުރުކުރައްވަމުންނެވެ. މިކަމުން އެގެނީ ދަރިފުޅުގެ އިޢުތިޤާދީ ތަރުބިއްޔަތަށް އެންމެ މުހިންމު މީހަކީ ބައްޕަކަމެވެ. މުސްލިމް ބައްޕައެއްގެ ޙައިޘިއްޔަތުން ދަރިޔަކަށް ދެވޭނެ އެންމެ ފުރިހަމަ ތަރުބިޔަތަކީ ﷲގެ އެއްކައުވަންތަކަން ކިޔައިދިނުމެވެ. ތައުޙީދުގެ ކަލިމަ އެ ދަރީންގެ ކުދިކުދި ހިތްތަކުގައި ބިންވަޅުނަގައިދިނުމެވެ. މާތް ﷲއަށް އެކަނި ޙައްޤު ގޮތުގައި އަޅުކަން ކުރުމަށް ވަޞިއްޔަތް ކުރުމެވެ. އެއްވެސް ހާލެއްގައި އެއިލާހަށް ޝިރުކު ނުކުރުމަށް ދަރިންނަށް ބުނެދިނުމެވެ.
ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭހަތްޕުޅު ފައްޓަވަނީ ﷲއަށް ޝިރުކު ނުކުރުމަށް ހަނދާން ކޮށްދެއްވަމުންނެވެ. ﴿وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ﴾ (لقمان: ١٣) މާނައީ: "އަދި ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތް ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! ތިބާ ﷲއަށް ޝަރީކު ނުކުރާށެވެ! ހަމަކަށަވަރުން، ޝަރީކު ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ."
ދަރިން އިތުބާރާއެކު ބަލައިގަންނާނީ ބައްޕަގެ ނަސޭހަތެވެ. ބައްޕަ ދަރިންނަށް ކުރެހުމަށް ހިތްވަރު ދޭނަމަ އެކަމަށް ކުދިން ޝައުޤުވެރިވާނެއެވެ. ލަވަކިޔާ ނަށަން ހިތްވަރު ދޭނަމަ އެއީ ރަނގަޅު ގޮތްކަމުގައި އެ ކުދިން ބަލައިގަންނާނެއެވެ. ހަމަ އެ ގޮތަށް ނަމާދު ކުރުމާއި، ޞަދަޤާތް ދިނުމަށް ދަރިން ފަރިތަ ކުރުވާ ނަމަ އުފެދޭނީ އެފަދަ ކުދިންނެވެ. އެހެންކަމުން، ބައްޕަގެ ނަސޭހަތަކީ އަބަދު ވެސް ދަރިންނަށް ނުހަނު ބޭނުންޖެހޭ އެއްޗެކެވެ. ލުޤުމާނުގެފާނު ދަރިކަލުންނަށް ދެއްވި ނަޞޭޙަތް ތައުޙީދުގެ ވާހަކައިން ފެއްޓެވި ފަދައިން އަޅުގަނޑުމެންގެ ނަޞޭޙާތް ވެސް އެ ކުދީންނަށް އަމާޒު ކުރަންވާނީ އެ މަންހަޖުގެ މަތީގައެވެ.
އަޅުގަނޑުމެންގެ ދަރީންނަކީ މިއަދާއި މާދަމާ ވެސް ނާމާންކަމުން ސަލާމަތްވެ ތިބެ، އާމާންކަމުގައި އުޅޭނެ ބަޔަކަށް ހެދޭނީ އިލާހީ ދަރުބާރުގައި އެ ކުއްޖާގެ ނަން ގުގުމާލެވިގެނެވެ. ﷲގެ ރުއްސެވުން އޭގެ ފުރިހަމަ ގޮތުގައި ލިބިގެންނެވެ. އެއިލާހުގެ ރުހުން ލިބޭ މީހުންނަކީ ޣައިބަށް އީމާންވާ މީހުންނެވެ. ﷲ ވޮޑިގެންވާކަމާއި އާޚިރަތް އަންނާނެކަން ޔަޤީންކުރާ މީހުންނެވެ. އެފަދަ ބަޔަކަށް އަޅުގަނޑުމެންގެ ދަރީން ހެދޭނީ ސިއްރާއި ފައުޅުގައި ﷲއަށް ބިރުވަތާން ދަސްކޮށްދެވިގެންނެވެ. މިދެންނެވި ނަޞޭޙަތް ވެސް ލުޤުމާނުގެފާނު ވަނީ އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވައިފައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ ޢަމަލަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި ޢަމަލެއް ކަމުގައި ވިޔަސް، ހިލައެއްގެ ތެރޭގައި ވިޔަސް، ނުވަތަ އުޑުތަކުގައި ވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (ޤިޔާމަތްދުވަހުން) ﷲ އެ ޢަމަލެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، ﷲއީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (لقمان: 16)
ލުޤުމާނުގެފާނު އެކަލޭގެފާނަށް ދެއްވެވި މި ނަށޭޙަތްޕުޅުތަކަކީ ތައުޙީދުގެ އެންމެ މަތިވެރި ފިލާވަޅުތަކެވެ. އޭގެ މައްޗަށް ދުނިޔެއާއި އާޚިރަތުގެ ހުރިހާ ކަމެއް ބިނާވެގެން އަންނަ ބިންގަލެވެ. ދުނިޔޭގައި ކާމިޔާބު ދިރިއުޅުމަކަށް މަގުފަހި ވާން އޮތް ހަމައެކަނި ގޮތެވެ. އާޚިރަތުގެ ނަޖާތަށް މަގުކޮށާން އޮތް ހަމައެކަނި ހަތިޔާރެވެ. މި ނަޞޭޙަތްޕުޅަށް ފަހު އިތުރު އެކަލޭގެފާނު ދަރިކަލުންނަށް ދެއްވި ނަޞޭޙަތްޕުޅުގައި އޮތީ ނަމާދު ޤާއިމުކުރުމަށާއި ޒަކާތް ދިނުމަށް ވަޞިއްޔަތް ކުރައްވައިފައެވެ. އަދި ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައިކަންކަން މަނާކުރުމަށް ވެސް އިރުޝާދު ދެއްވައިފައެވެ. ވިދާޅުވަނީ މިކަންކަމަކީ ވަރަށް ވަރުގަދަ ޢަޒުމެއް ބޭނުންވާނޭ ކަންކަން ކަމުގައެވެ. (ލުޤުމާނު ސޫރަތުގެ 17ވަނަ އާޔަތް ބައްލަވާ!)
އެކަލޭގެފާނުގެ ނަޞޭޙަތް ކުރިޔައް ގެންދަވަމުން އަދަބު އަޚުލާޤުގެ ވާހަކަ ވެސް ދަސްކޮށްދެއްވައި ވިދާޅުވެދެއްވައިފައި އެބަހުއްޓެވެ. އެހެންމީހުންނާ މެދު މުޢާމަލާތް ކުރުމާ ބެހޭގޮތުން ވިދާޅުވެފައި އޮތީ "އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ ޙާލު، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ." (ލުޤުމާނު: 18)
ބިންމަތީ ހިނގާބިނގާވެ އުޅެންވީ ގޮތާއި، ވާހަކަ ދެއްވުމުގައި ބަސްމަގު ހިފަހައްޓާނޭގޮތާއި އަޑު މަޚުރަޖުގައި ހަމަހިމޭންކަން ގެންގުޅުމަށް ވެސް އެކަލޭގެފާނު ވަނީ ދަރިކަލުންނަށް ނަޞޭޙަތް ދެއްވައިފައެވެ. "އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ ޙިމާރުގެ އަޑުކަން ކަށަވަރެވެ." (ލުޤުމާނު: 19) މިހުރީ ބައްޕައިންގެ ޒިންމާގައި ދަރީންނަށް ދެވޭނޭ އިޢުތިޤާދީ އަދި އިޖްތިމާޢީ ތަރުބިއްޔަތެވެ. އެކަމުގެ ނަޞޭޙަތްތަކެވެ.
"މިއަދު އަޅުގަނޑުމެންނަށް ދަރީންދެކެ ލޯބިވެވެނީ މުޅިން އެހެން ވައްތަރަކަށް ނޫންތޯ؟" މިއީ ކޮންމެ ކިޔުންތެރިއަކު ވެސް އެ މީހެއްގެ އަމިއްލަ ނަފުސާ ކޮށްލުން ރަނގަޅު ސުވާލެކެވެ. ދަރިންދެކެ ލޯބިވާ ނަމަ އެ ކުދިން ދުނިޔެ މަތީގައި އުޅޭއިރު މާތް ﷲއަށް ޝިރުކު ނުކުރުމަށް ނަސޭހަތްތެރިވާށެވެ! އެކަކު އަނެކަކަށް ފައިދާއެއް ކޮށްނުދެވޭ ދުވަހު ކާމިޔާބުވާނީ ﷲއަށް ޝިރުކު ނުކުރާ މީހާއެވެ. ފަރުޟު ފަސް ނަމާދު ޤާއިމުކުރަން ވަޞިއްޔަތް ކުރާށެވެ! ޤިޔާމަތްދުވަހުން އެންމެ ފުރަތަމަ ޙިސާބުބެއްލެވޭނީ ނަމާދުންނެވެ. ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރަން އެ ކުދިންނަށް ހިތްވަރުދޭށެވެ. މި އުންމަތް އެންމެ ހެޔޮ އުންމަތަށް ވުމުގެ ސަބަބަކީ އެއީއެވެ.
މިފަދަ ނަޞޭޙަތްތަކަކީ އަޅުގަނޑުމެންގެ ގެދޮރުގައި ކޮންމެ ދުވަހަކު ތަކުރާރު ވާ އެއްޗެއް ނަމަ ﷲގެ އިރާދަފުޅާ އެކު ދަރީންނަކީ އަޅުގަނޑުމެންގެ ލޯތަކުގެ ފިނިކަން ކަމުގައި ވާނޭ ކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ.


