Tuesday, 28 July 2026
ހުކުރު ހުތުބާ - އައްޑޫ ލައިވް

ސިހުރަކީ އިންސާނާގެ ވިސްނުމާއި ހަށިގަނޑަށް ހުރި ބޮޑު ނުރައްކަލެއް: ހުތުބާ

ސިހުރަކީ އިންސާނާގެ ވިސްނުމާއި ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރުތައް ފޯރުވައިދޭ ނުރައްކާތެރި އަމަލެއް ކަމަށް މިއަދުގެ ހުތުބާގައި ބަޔާންކޮށްދީފިއެވެ.

މިއަދުގެ ހުތުބާ އަލިއަޅުވާލާފައިވަނީ ސިހުރުވެރިޔާގެ ނުބައިކަން މި މައުލޫއަށެވެ. ބަލިމަޑުކަމެއް ތަޙައްމަލުކުރަން ޖެހުނު ކަމުގައި ވިޔަސް، ސިހުރުވެރިންގެ ގާތަށް ގޮސް އެމީހުންގެ ބަސް ތެދުކުރުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެއްކަމަށާއި ސިހުރަކީ އިންސާނާގެ ވިސްނުމާއި ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރުތައް ފޯރުވައިދޭ ނުރައްކާތެރި އަމަލެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. މިއީ ޝިރުކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ފާފަ ކަމަށާއި، ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ގޮތް ބަލައިލުމުގެ ބޭނުމުގައި ނުވަތަ އަޖުމަބެލުމުގެ ނިޔަތުގައި ވިޔަސް ފާލުބަލާ މީހުންނާއި ސިހުރުވެރިންގެ ގާތަށް ދިއުމަކީ އެއްގޮތަކަށް ވެސް ހުއްދަވެގެންވާ ކަމެއް ނޫންކަމަށާ ވެސް ބުނެފައިވެއެވެ.

ސިހުރުވެރިންނަކީ ސީދާ ޝައިޠާނާއަށް ތަބާވެ، އިސްލާމްދީނުން ބޭރުވެފައިވާ ބައެއްކަމަށާއި އެގޮތުން، ޝައިޠާނާގެ އެހީތެރިކަން ހޯދުމަށްޓަކައި ސިހުރުވެރިން ޖުނުބުވެރި ހާލުގައި ނަޖިސް ތަންތަނުގައި އުޅުމާއި، ޤުރްއާނަށް ފުރައްސާރަކުރުން ފަދަ ހުތުރު އަމަލުތައް ހިންގާކަމަށް ވެސސް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

ހުތުބާގައި މާތް ﷲ އަށާއި މުއުމިނުންނަށް ކުރާ ޢަދާވާތްތެރިކަން ބޮޑުވި ވަރަކަށް، އެމީހުން ހަދާ ސިހުރުގެ ބާރު ގަދަވެގެންދާކަމަށާއި ސިހުރުގެ ނުބައިކަން ބޮޑުކަމުން، އަމަލީ ގޮތުން ސިހުރު ނުހެދި ނަމަވެސް އެ އުނގެނުމަކީ ވެސް ކުފުރުވާފަދަ ކަމެއް ކަމަށް ބުނެފައިވެއެވެ. ކުރީގެ ބައެއް ޢިލްމުވެރިން ސިހުރުވެރިންނަށް މަރުގެ އަދަބު ދިނުމަށް ކަނޑައަޅުއްވާފައިވާކަން "އަލްމުޣްނީ" ފޮތުން އެނގެން އޮތްކަމަށް ވެސް ބުނެފައިވެއެވެ. އަދި ސިހުރުވެރިންނަށް ދުނިޔޭގައި ވެސް އާޚިރަތުގައި ވެސް އެއްވެސް ކާމިޔާބެއް ނަޞީބެއްނުވާނެކަމަށް ވެސް ބުނެފައިވެއެވެ.

މިފަދަ ނުބައި އަމަލުތަކުން ދުރުވުމަށް ކުރުމަށް ހުތުބާގައި އިރުޝާދު ދިން ކަންތައްތަކަކަކީ:

  • ފަސް ވަގުތު ނަމާދުކުރުން
  • ޒިކުރުތައް ކިޔުން
  • ގެދޮރުގައި ސޫރަތުލް ބަޤަރާ ކިޔެވުން ގިނަކުރުން
  • ބަލިމަޑުކަމެއް ދިމާވުމުން ޝަރުޢީ ރުޤުޔާއިން ފަރުވާ ހޯދުން

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ ޞައްޙަ ގޮތުގައި ރުޤުޔާކުރާ ފަރާތްތަކުން މައިންބަފައިންގެ ނަން ނާހާނެ ކަމަށާއި، ގޮތް ނޭނގޭ ތަވީދު ފަދަ ތަކެތި ބޭނުން ނުކުރާނެކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *