އިސްލާމް ދީނުގައި އިންސާނުންގެ އަބުރު ކަތިލުމުގައި ހުރި ނުބައިކަމާއި އަބުރު ރައްކާތެރިކުރުމުގެ މައްޗަށް ދީފައިވާ އަހަންމިއްޔަތުކަމަށް އަލިއަޅުވާލައި، މިއަދުގެ ހުކުރު ޚުތުބާގައި ކަމަށް ނަސޭހަތްތެރިވެއްޖެއެވެ.
އިސްލާމިކް މިިނިސްޓްރީން ޝާއިއުކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވަނީ މީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ދިނުމަކީ ބޮޑުވެގެންވާ އަނިޔާއެއް ކަމާ މެދު އެކަކު ވެސް ޝައްކެއް ނުކުރާނެ ކަމަށެވެ. ނަމަވެސް ވިސްނައިލަން ޖެހޭ ހަގީގަތަކީ މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ ވެސް މާ ބޮޑު ކަމެއް ކަމަށް ވެސް ހުކުރު ޚުތުބާގައިވެއެވެ.
"[އަބުރު ކަތިލުމުން] ދުނިޔޭގައި އޭނާ އުޅެން ޖެހޭނީ އިންތިހާ ދަރަޖައިގެ ވޭނާއި ހިތްދަތިކަމުގައެވެ. އަބުރު ކަތިލެވޭ މީހާއާ މެދު މުޖުތަމައު ދެކޭ ގޮތް ބަދަލުވެ، އެ މީހަކު އެކަހެރިކޮށްލެވެއެވެ. ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނަން ނެތަސް، އެ މީހާގެ ހިތާއި ނަފުސުގައި އަޅާ ވޭނަކީ ބަޔާންކުރަން ވެސް ދަތި ބޮޑު ވޭނެކެވެ. އަނިޔާއެކެވެ،" ހުކުރު ޚުތުބާގައިވެއެވެ.
އިސްލާމް ދީނުގައި އަބުރު ރައްކާތެރިކުރުމަށް ޓަކައި ކިތަންމެ ކަމެއް ޝަރުއުކޮށްފައިވާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އޭގެ އެއް ކަމަކީ ޒިނޭގެ ތުހުމަތު ސާބިތުކުރެވެން ނެތް ހާލަތުގައި އެޅުވުމަކީ ލައުނަލް ލައްވާފައިވާ ފާފަތަކުގެ ތެރޭގައި ހިމެނުމެވެ. ޒިނޭގެ ތުހުމަތު އަޅުވައިފިނަމަ، އަދުލުވެރި ހަތަރު ފިރިހެނުންގެ ހެކިބަސް ގެނައުން ލާޒިމެވެ. ސާބިތުނުކުރެވޭ ހާލަތުގައި ޒިނޭގެ ތުހުމަތުކޮށް އެ ވާހަކަ ފެތުރުމުގެ ހައްދަކީ 80 އެތި ފަަހަރުން ހައްދު ޖެހުމެވެ. އަދި ދުވަހަކު ވެސް އެ މީހެއްގެ ހެކިބަސް ގަބޫލުނުކުރުމެވެ.
މީސްމީޑިއާގައި މީހުންނާ މެދު ޒާތީ ވުމާއި ހަސަދަވެރިވުމާއި އެއްވެސް ބެލުމެއް ނެތި ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މީހުންގެ އަބުރު ކަތިލުން އާންމުވެފައިވާއިރު އެ ކަންކަން ހިނގަމުން ދަނީ ޒުވާން ޖީލާއި ކުޑަކުދިންގެ ކުރިމަތީގައި ކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. މާދަމާ ގައުމުގެ ހުންގާނާ ހަވާލުވާން ތިބި ޖީލަށް މި ދައްކައިދެވެނީ ކޮންފަދަ ނަމޫނާއެއްތޯ ވެސް ޚުތުބާގައި ސުވާލެއްގެ ގޮތުގައި އެ ކަން އަމާޒުކޮށް ނަސޭހަތްތެރިވެފައިވެއެވެ.


