Tuesday, 28 July 2026
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ -- ފޮޓޯ: ވޮއިސް

އާޝޫރާ ދުވަހަކީ އީމާންތެރިކަމާއި، ޝުކުރުވެރިވުމާއި، އިބުރަތް ހާސިލުކުރުމުގެ ދުވަހެއް: ހުތުބާ

މުޙައްރަމް މަހުގެ 10 ވަނަ ދުވަސް ނުވަތަ އާޝޫރާ ދުވަހަކީ އީމާންތެރިކަމާއި، ޝުކުރުވެރިވުމާއި، ﷲ އަށް ކިޔަމަންތެރިވުމުގެ ފިލާވަޅުތަކުން ފުރިގެންވާ މުހިންމު ދުވަހެއްގެ ގޮތުގައި މިއަދު ހުކުރު ހުތުބާގައި ބުނެފިއެވެ.

މުޅި ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި އިއްވި ހުކުރު ހުތުބާގައި، އާޝޫރާ ދުވަހަކީ ފިރުޢައުނާއި އޭނާގެ ލަޝްކަރުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް އީމާންވި މީހުން ﷲ ސަލާމަތްކުރެއްވި ދުވަސްކަން މުސްލިމުންނަށް ވަނީ ހަނދާންކޮށްދީފައެވެ. އަދި މިއީ ހަގީގީ ކާމިޔާބީއާއި ސަލާމަތްތެރިކަން ލިބެނީ އީމާންތެރިކަމާއި، ﷲ އަށް ވަކީލުކުރުމާއި، އެކަލާނގެ ތެދުމަގުގައި ސާބިތުވެ ތިބެގެންކަން އަންގައިދޭ ވަރުގަދަ ހެއްކެއްކަން ހުތުބާގައި ފާހަގަކުރިއެވެ.

މުޙައްރަމް މަހަކީ އިސްލާމްދީނުގައި ހުރުމަތްތެރިވެގެންވާ ހަތަރު މަހުގެ ތެރެއިން މަހެއްކަން ފާހަގަކޮށް، މި ބަރަކާތްތެރި ދުވަސްވަރު އަޅުކަންތައް އިތުރުކުރުމަށް މުސްލިމުންނަށް ހުތުބާގައި ބާރުއެޅިއެވެ.

އާޝޫރާ ދުވަހު ރޯދަހިފުމުގެ ސުންނަތަށް ހުތުބާގައި ހާއްސަ ސަމާލުކަމެއް ދީފައިވެއެވެ. އެގޮތުން، ރަސޫލާ ﷺ މި ދުވަހު ރޯދަ ހިއްޕަވައި، އެކަލޭގެފާނުގެ އުންމަތުގެ މީހުންނަށް އެކަމަށް ބާރުއެޅުއްވިކަން ސައްހަ ހަދީސްތަކުން އެނގެން އޮތްކަން ފާހަގަކުރިއެވެ. އަދި އާޝޫރާ ދުވަހު ރޯދަހިފުމަކީ، ﷲގެ އިރާދަފުޅާއެކު، ފާއިތުވި އަހަރުގެ ފާފަ ފުހެވިގެންދާނެ ފަދަ ބޮޑު ސަވާބެއް ލިބޭ ކަމެއްކަން މުސްލިމުންނަށް ހަނދާންކޮށްދިނެވެ.

ހުތުބާގައި އިތުރަށް ބާރުއެޅީ ރަސޫލާ ﷺ ގެ ސުންނަތާ އެއްގޮތަށް މުޙައްރަމް މަހުގެ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު، ނުވަތަ ދިހަވަނަ ދުވަހާއި އެގާރަވަނަ ދުވަހު ރޯދަހިފުމަށެވެ. އަދި އެންމެ ފުރިހަމަ ގޮތަކީ ނުވަވަނަ ދުވަހާއި، ދިހަވަނަ ދުވަހާއި، އެގާރަވަނަ ދުވަހު ރޯދަހިފުންކަން ވެސް ފާހަގަކުރިއެވެ.

އާޝޫރާ ދުވަހާ ގުޅޭގޮތުން ފެތުރިފައިވާ ކުށްހީތަކަށް އަލިއަޅުވާލަމުން، އިސްލާމީ ތައުލީމުތަކުގައި އެއްވެސް އަސާސެއް ނެތް ބިދުޢަތަކާއި އަމަލުތަކާ މެދު ސަމާލުވުމަށް ހުތުބާގައި ގޮވާލިއެވެ. އިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އާޝޫރާ ދުވަހު ރޯދަހިފުން ފިޔަވައި ހާއްސަ އެހެން އަޅުކަމެއް ކުރުމަށް އައިސްފައި ނުވެއެވެ. އެހެންކަމުން، އިސްލާމްދީނުގެ އުސޫލުތަކާ ހިލާފު އާދަކާދަތަކާއި ރަސްމިއްޔާތުތަކުން ދުރުހެލިވުމަށް މުސްލިމުންނަށް އިލްތިމާސްކުރިއެވެ.

ހުތުބާ ނިންމާލަމުން، މި ބަރަކާތްތެރި ފުރުސަތުގެ ބޭނުން ހިފައި، އީމާންތެރިކަން ވަރުގަދަކޮށް، ހެޔޮ އަމަލުތައް އިތުރުކޮށް، ﷲގެ ރަހުމަތާއި ފާފަފުއްސެވުމަށް އެދި ދެންނެވުމަށް ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *