ޕާޓީއެއްގެ ގޮތުގައި "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިއަދު ހިމަނައިފި އެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ފުރިހަމަވާންޖެހޭ އިޖްރާއާތު ފުރިހަމަކޮށްފައިވާތީ، "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ އާންމު ޖަލްސާގައި، މެންބަރުންގެ އިއްތިފާގުންނެވެ.
ޕާޓީ އުފެއްދުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ބާއްވަން ޖެހޭ ޖަލްސާ ބާއްވައި އެ ޕާޓީ ރަޖިސްޓްރީކުރަން ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ. .
މިޖަލްސާގައި ވަނީ ޕާޓީގެ ވަގުތީ ޗެއާޕާސަނަކަށް ޕާޓީގެ މުއައްސިސް ހަސަން ލަތީފް އަދި ވަގުތީ ޗެއާޕާސަންގެ ނައިބުންގެ މަގާމަށް އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރުގެ އިތުރުން ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ހަމަޖައްސާފަ އެވެ.
މިޖަލްސާގައި ރަސްމީ ނަމުގެ ގޮތުގައި ފާސްކުރީ "ދަ ޑިމޮކްރެޓްސް" އެވެ. އާންމު ނަމުގެ ގޮތުގައި ފާސްކުރީ "ޑިމޮކްރެޓްސް" އެވެ. ޑިމޮކްރެޓުންގެ ލޯގޯގެ ގޮތުގައި އިއްތިފާގުން ފާސްކުރީ އެސްޓްރިކް އެކެވެ. މި ލޯގޯ އިން ރަމްޒުކޮށްދެނީ ދިވެހި ރުކާއި މުރަކަ ކަމަށް ޕާޓީގެ މުއައްސިސް އެވެ. ދަ ޑިމޮކްރެޓްސްގެ ކުލަތަކުގެ ގޮތުގައި ފާސްކުރީ ހުދު ކުލަ އާއި މަޑު ނޫ (ބޭބީ ބްލޫ) އާއި އަދި ކަޅުކުލަ އެވެ.


