ޖޫން މަހުގެ މެދުތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނު ކަމަށް ބުނި ނަމަވެސް، ލުބުނާނުގެ އެތައް ސަތޭކަ ބަޔަކަށް އަދިވެސް އެމީހުންގެ ގެދޮރަށް އެނބުރި ނުދެވި، ހާލުގައި ޖެހިފައިވާކަން ހާމަވެއްޖެއެވެ.
ލުބުނާނުގެ މަޖްދަލް ޒޫން އަވަށުގެ 250 އަށްވުރެ ގިނަ މީހުން މިހާރު ހިމާޔަތް ހޯދަމުންދަނީ ތަޔަރް ސިޓީގައި ހުންނަ ހުސްކޮށް އޮތް ސްކޫލެއްގައެވެ. އެމީހުންނަށް ރަށަށް ނުދެވިފައިވަނީ އިސްރާއީލުގެ ސިފައިން އަދިވެސް އެ އަވަށް ހިސާރުކޮށްގެން ތިބުމުގެ ސަބަބުންނެވެ. މަޖްދަލް ޒޫންގެ މޭޔަރު ޔޫސުފް ޝިހީމީ އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޭނާގެ އާއިލާއާއެކު ޖުމްލަ 74 އާއިލާއެއް މިވަގުތު އެ ސްކޫލުގައި ވަގުތީ ގޮތުން ދިރިއުޅެމުންދާ ކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް އެތައް ހާސް ބަޔަކު އެނބުރި ގޮސްފައިވީ ނަމަވެސް، ދެކުނުގެ ބައެއް ސަރަހައްދުތައް އަދިވެސް އިސްރާއީލުގެ ބާރުގެ ދަށުގައި އޮތުމުން ގިނަ ބަޔަކު ތިބީ މަގުމަތިވެފައެވެ.
މިދިޔަ ހަފުތާގައި އިސްރާއީލުން ވަނީ މަޖްދަލް ޒޫންގައި ބޮޑެތި ގޮއްވުންތަކެއް ކުރިއަށް ގެންގޮސްފައެވެ. އިސްރާއީލުން ބުނާ ގޮތުގައި އެއީ ހިޒްބުالله އާ ގުޅުންހުރި 200 މީޓަރުގެ ދިގު ބިންގަރާހެއް ނައްތާލުމަށް ކުރި ކަމެކެވެ. ނަމަވެސް މިކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް އެ ގައުމުން ދައްކާފައެއް ނުވެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ އިސްރާއީލުން ލުބުނާނުގެ ދެކުނުގައި ހަނގުރާމައިގެ ކުށްތައް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. މީގެ ތެރޭގައި އާންމުންގެ އުމްރާނީ ވަސީލަތްތައް ގަސްތުގައި ހަލާކުކުރުން ހިމެނޭ ކަމަށް އެ ޖަމާއަތްތަކުން ފާހަގަކުރެއެވެ.


