Tuesday, 28 July 2026
ފޮޓޯ: އޭޕީ

އީރާނުގެ ކުރީގެ ރޫހީ ލީޑަރު ޚާމަނާއީގެ ޖަނާޒާ ފަށައިފި

އީރާނުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ޖަނާޒާގެ ރަސްމިއްޔާތުތައް ހޮނިހިރު ދުވަހު ތެހެރާންގައި ފަށައިފިއެވެ. އުމުރުފުޅުން 86 އަހަރުގައި ޚާމަނާއީ އަވަހާރަވީ މީގެ މަސްތަކެއް ކުރިން ހަނގުރާމައިގެ ކުރީކޮޅު ދިން ވައިގެ ހަމަލާއެއްގައެވެ.

ތެހެރާންގެ ގްރޭންޑް މުސައްލާގައި ޚާމަނާއީގެ ހަށިކޮޅު ބާއްވާފައިވަނީ ބިއްލޫރި ފޮއްޓެއްގައެވެ. މި ރަސްމިއްޔާތަށް އެއްވި ގިނަ އަދަދެއްގެ މީހުން ދިޔައީ ރޮއެ ހިތާމަފާޅުކުރަމުންނެވެ. ބައެއް މީހުން ދިޔައީ ބަދަލުހިފުމަށް ގޮވާލައި އަޑުއުފުލަމުންނެވެ.

މި ރަސްމިއްޔާތުގައި ޚާމަނޭއީގެ އިތުރުން އެ ހަމަލާގައި އަވަހާރަވި އެމަނިކުފާނުގެ އާއިލާގެ ބައެއް މެންބަރުންގެ ސަންދޯއްތައް ވެސް ވަނީ ބާއްވާފައެވެ.

އީރާނު ސަރުކާރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މިލިއަނުން މީހުން މަގުތަކަށް ނުކުންނާނެއެވެ. މިއީ 1989 ވަނަ އަހަރު އާޔަތުﷲ ޚުމައިނީގެ ޖަނާޒާއަށްފަހު އީރާނުން ފެންނާނެ އެންމެ ބޮޑު އެއްވުމަށް ވާނެ ކަމަށް ބެލެވެއެވެ. މި ޖަނާޒާ ފަށާފައިވަނީ އެމެރިކާގެ 250 ވަނަ މިނިވަން ދުވަހާ ދިމާކޮށް ކަމަށްވާއިރު، އެއްވި މީހުން ދިޔައީ އެމެރިކާއާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ޚާމަނާއީގެ ހަށިކޮޅު އީރާނުގެ އެކި ސިޓީތަކުގެ އިތުރުން އަވަށްޓެރި އިރާގަށް ވެސް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ދުވަސްވަރު ތެހެރާންގެ މަގުތަކާއި ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އަދި އީރާނުގެ އާ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ މި ރަސްމިއްޔާތުގައި ފެނިވަޑައިގަންނަވާނެ ކަން އަދި ސާފެއް ނުވެއެވެ.

އިޒްރޭލުން އާ ލީޑަރު މުޖުތަބާ ޚާމަނާއީއަށް ހަމަލާދީފާނެ ކަމުގެ އިންޒާރުތަކާ ގުޅިގެން، އީރާނުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާއާއި އިޒްރޭލުން އެއްވެސް ކަމެއް އޮޅުވާނުލުމަށް އިންޒާރު ދީފައެވެ. މި ޖަނާޒާއަކީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި އީރާނު ސަރުކާރުގެ ބާރު ދެއްކުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ވެސް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *