Tuesday, 28 July 2026
ފޮޓޯ: ގްލޯބަލް ނިއުސް

ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން ރެޑް އެލާޓް ނެރެފި

ޔޫރަޕުގެ ސަރަހައްދުތަކަށް މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން ގިނަ ގައުމުތަކަކުން ރެޑް އެލާޓް ނެރެ، އާންމު ހިދުމަތްތަކަށް ބޮޑެތި ބުރޫތަކެއް އަރަން ފަށައިފިއެވެ. މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކުރިމަތިވި މި ހޫނު ރާޅަކީ ސަހާރާ ސަރަހައްދުން އުތުރަށް ދަތުރުކުރަމުންދާ ހޫނު ވައިގެ ސަބަބުން އުފެދިފައިވާ "ހީޓް ޑޯމް" އެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް މޫސުމާ ބެހޭ މާހިރުން ބުނެއެވެ.

ފަރަންސޭސިވިލާތުގެ ތިންބައިކުޅަ އެއްބައި ސަރަހައްދުތަކުގައި ހޫނުގަދަވުމުގެ ސަބަބުން ރެޑް އެލާޓް ނެރެފައިވާއިރު، އެ ގައުމުގެ ރޭލު ދަތުރުފަތުރަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. ރޭލު ދަތުރުފަތުރާ ބެހޭ އިދާރާއިން ބުނި ގޮތުގައި ހޫނުގަދަވުމުގެ ސަބަބުން ރޭލު ދަގަނޑުތަކަށް ގެއްލުންވުމުގެ ފުރުސަތު އޮތުމުން 71 ރޭލު ދަތުރެއް ވަނީ ކެންސަލްކޮށްފައެވެ. އަދި ބައެއް މިއުޒިކް ފެސްޓިވަލްތަކާއި ކޮންސެޓްތައް ވެސް ވަނީ މެދުކަނޑާލާފައެވެ.

ޖަރުމަނުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ހޫނުމިން 39 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ދާނެއެވެ. ހޫނުން ސަލާމަތްވުމަށް ކޯރުތަކާއި ފެންގަނޑުތަކަށް އެރުނު ފަސް މީހަކު މިދިޔަ ހަފްތާ ބަންދުގައި މަރުވެފައިވާތީ، ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އިޓަލީގެ އަށް ސިޓީއެއްގައި ރަތް އިންޒާރު ނެރެފައިވާއިރު، ސްޕެއިންގައި ވެސް ހޫނުމިން 40 ޑިގްރީއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ޔޫރަޕުން 200,000 އަށްވުރެ ގިނަ މީހުން ވަނީ ހޫނާ ގުޅުންހުރި ސިއްހީ މައްސަލަތަކުގައި މަރުވެފައެވެ. މިއީ މިއަހަރު ޔޫރަޕަށް ކުރިމަތިވި މިފަދަ ދެވަނަ ހޫނު ރާޅެވެ. މި ހާލަތު މި ހަފްތާގެ މެދަކާ ހަމައަށް ދެމިއޮންނާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *