Tuesday, 28 July 2026

އިސްރާއިލްގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި މަރުވި މީހުންގެ އަދަދު 73،000 އަށްވުރެ މައްޗަށް އަރައިފި

އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު 73،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން އާދީއްތަ ދުވަހު ހާމަކޮށްފިއެވެ. މި އަދަދު މިހާ މައްޗަށް ގޮސްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އިއުލާނުކޮށްފައިވާ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާއެކުވެސް، އިސްރާއީލުގެ އަސްކަރީ ހަރަކާތްތައް ކުރިއަށްދާތީއެވެ.

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދަކީ 73،001 އެވެ. އަދި 2023 އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށްފަހު ފެށުނު މި ހަނގުރާމައިގައި މިހާތަނަށް 173،200 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުންވެސް ޣައްޒާގައި ގާތްގަނޑަކަށް 1،000 މީހުން މަރުވެފައިވާއިރު، އިސްރާއީލުގެ ފަސް ސިފައިން ވަނީ މަރުވެފައެވެ.

އެމެރިކާ މެދުވެރިވެގެން އޮކްޓޯބަރު މަހު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ބޮޑެތި އަސްކަރީ ހަރަކާތްތައް ހުއްޓާލައި، ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލި ނަމަވެސް، އެއްބަސްވުމުގެ އެހެން ކަންކަން ވަނީ ހުއްޓުމަކަށް އައިސްފައެވެ. ހަމާސްއިން ހަތިޔާރު ބަހައްޓަން ދެކޮޅު ހަދަމުންދާއިރު، އިސްރާއީލު ސިފައިން ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ކުރިއަރަމުންނެވެ. ދެ ފަރާތުންވެސް އެއްބަސްވުމާ ޚިލާފުވާ ކަމުގެ ތުހުމަތު އެކަކު އަނެކަކަށް ކުރެއެވެ.

ސުލްހައިގެ ކަންކަން ބަލަހައްޓަވާ އެމެރިކާގެ މަންދޫބު ނިކޮލައި މިލަޑެނޯވް ވިދާޅުވި ގޮތުގައި، ޣައްޒާ އަލުން އާރާދުކުރުމާއި، އިސްރާއީލު ސިފައިން ފޭބުމާއި، ފަލަސްތީނުގެ އާ ސަރުކާރެއް ގާއިމުކުރުން ފަދަ ކަންކަން މަޑުޖެހިފައިވަނީ ހަމާސްގެ ހަތިޔާރު އަތުލުމާ މެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުންނެވެ.

ނިމިދިޔަ ހަފުތާ ބަންދުގައިވެސް އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން އަށް ފަލަސްތީނު މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި އާދީއްތަ ދުވަހު ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއެއްގައި މަރުވި ހަތަރު މީހުންނާއި، ހޮނިހިރު ދުވަހުގެ ރޭ ދިން ހަމަލާއެއްގައި މަރުވި 13 އަހަރުގެ ކުއްޖަކު ހިމެނެއެވެ. އިސްރާއީލުން ބުނަމުންދަނީ އެމީހުން އަމާޒުކުރަނީ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށެވެ.

މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ 2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ. އަދި ޣައްޒާއަށް ވަދެވެން ހުރި ހުރިހާ ދޮރުތަކެއް އިސްރާއީލުން ބަންދުކޮށްފައިވުމުގެ ސަބަބުން ކާބޯތަކެއްޗާއި ބޭހުގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *