Tuesday, 28 July 2026
ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން، ލުބުނާނުގެ ރައީސް ޖޯސެފް އައުން (ވައަތްފަރާތުގައި) އާއެކު ވަޑައިގަންނަވަނީ -- ފޮޓޯ: ލުބުނާނުގެ ރައީސް އޮފީސް

ލުބުނާނުގެ މުދާ އެތެރެކުރުން ސައުދީ އަރަބިއްޔާއިން މަނާކޮށްފައި އޮތް އޮތުން އުވާލައިފި

ލުބުނާނުން ސައުދީ އަރަބިއްޔާއަށް މުދާ އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ފަސް އަހަރަށްފަހު ނިމުމަކަށް ގެނެސްފައިވާކަން ސައުދީ ސަރުކާރުން ބުދަ ދުވަހު އިއުލާނުކޮށްފިއެވެ. މިއީ ލުބުނާނާއި ގަލްފުގެ ގައުމުތަކުގެ މެދުގައި އޮތް ގުޅުން އަލުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ސައުދީ އަރަބިއްޔާއިން ލުބުނާނުގެ މޭވާއާއި ތަރުކާރީ އެތެރެކުރުން ފުރަތަމަ މަނާކުރީ 2021 ވަނަ އަހަރުއެވެ. އެއީ އެ ތަކެތި ބޭނުންކޮށްގެން މަސްތުވާތަކެތި އެތެރެކުރާ ކަމަށް ބުނެއެވެ. އޭގެ ފަހުން، ލުބުނާނުގެ އޭރުގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކުރުދާހީ، ޔަމަނުގެ ހަނގުރާމައާ ގުޅޭގޮތުން ސައުދީއަށް ފާޑުވިދާޅުވުމާ ގުޅިގެން، ލުބުނާނުގެ ހުރިހާ އުފެއްދުންތަކެއް އެތެރެކުރުން ސައުދީން މަނާކުރިއެވެ.

ސައުދީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އަމުރުފުޅަށް މި ބޭން އުވާލަން ނިންމެވީ ލުބުނާނު ސަރުކާރުން އަޅާފައިވާ ހެޔޮ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. މި ފިޔަވަޅުތަކަކީ ކޮބައިކަން ސީދާ ބަޔާންކޮށްފައި ނުވި ނަމަވެސް، ލުބުނާނު ސަރުކާރުން ވަނީ ހިޒްބުالله ހިމެނޭހެން ހުރިހާ ހަތިޔާރު އެޅި ޖަމާއަތްތަކެއްގެ ހަތިޔާރު އަތުލުމުގެ މަސައްކަތް ފަށާނެކަން މީގެ ކުރިން އިއުލާނުކޮށްފައެވެ.

މި ނިންމުމާ ގުޅިގެން ލުބުނާނުގެ ރައީސް ޖޯސެފް އައުން ވަނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސް އައުން ވިދާޅުވީ، މި ނިންމުމުގެ ސަބަބުން ގައުމުގެ އިގްތިސާދު ކޮޅަށް ޖެހުމަށާއި، ލުބުނާނުގެ އުފެއްދުންތެރިންނާއި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

ލުބުނާނުގެ މިހާރުގެ ސަރުކާރުން އަންނަނީ ގަލްފުގެ ގައުމުތަކާ އޮތް ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ގަލްފުގެ ފަތުރުވެރިން އަލުން ލުބުނާނަށް ގެނައުމާއި، އިގްތިސާދީ އިސްލާހީ ބަދަލުތައް ގެނައުން ހިމެނެއެވެ. މި ބޭން އުވާލުމަކީ އިގްތިސާދީ ބޮޑު ތަދެއްގެ ތެރޭގައި އޮތް ލުބުނާނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *