ދުބާއީގެ އެމިރޭޓްސް ރޯޑްގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އިންޑިއާގެ ހަތް މަސައްކަތްތެރިން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މަގު މެދަށް ހުއްޓިފައި އޮތް ލޮރީއެއްގައި މިނީ ބަހެއް ޖެހިގެންނެވެ.
ދުބާއީ ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓްގެ ޑިރެކްޓަރު ބްރިގޭޑިއާ ޖުމާ ސާލިމް ބިން ސުވައިދާން ވިދާޅުވި ގޮތުގައި، މި އެކްސިޑެންޓުގައި ހަތް މީހަކު މަރުވެ، ނުވަ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ސީރިއަސް އަނިޔާ ލިބުނު ފަސް މީހަކާއި، މެދު މިންވަރަކަށް އަނިޔާވި ހަތަރު މީހަކު ހިމެނެއެވެ. އަނިޔާވި ހުރިހާ އެންމެންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި ހާދިސާއާ ގުޅިގެން ދުބާއީގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އިންޑިއާގެ މަސައްކަތްތެރިންތަކެއްގެ ފުރާނަ ގެއްލުނު މި ހާދިސާއާ ގުޅިގެން ނުހަނު ހިތާމަކުރާ ކަމަށެވެ. އަދި ކޮންސިއުލޭޓްގެ އޮފިޝަލުން ހޮސްޕިޓަލަށް ޒިޔާރަތްކޮށް އަނިޔާވި މީހުންގެ ހާލު ބަލާފައިވާ ކަމަށާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ބްރިގޭޑިއާ ޖުމާ ސާލިމް ވިދާޅުވީ، އިބްތިދާއީ ތަހުގީގުން އެނގޭ ގޮތުގައި ލޮރީ މަގު މެދަށް ކުއްލިއަކަށް ހުއްޓުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.
"ބަސް ދުއްވަން އިން ޑްރައިވަރު ސަމާލުކަން ނުދިނުމުގެ ސަބަބުންނާއި ރައްކާތެރި ދުރުމިނެއް ބަހައްޓާފައި ނުވުމުގެ ސަބަބުން، މަގު މެދުގައި އޮތް ލޮރީގެ ފަހަތުގައި ބަސް ޖެހުނީ،" އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ މިޝަނުން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައެވެ.


