ފިލިޕީންސްގެ ދެކުނުގެ ސަރަހައްދުތަކަށް ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 37 އަށް އަރައި، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި މީހުން ތިިބިތޯ ބެލުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ވަރުގަދަކޮށްފިއެވެ. މިއީ ފާއިތުވި ބައި ގަރުނެއްހާ ދުވަހުގެ ތެރޭގައި އެ ގައުމަށް އައި އެންމެ ބާރުގަދަ އެއް ބިންހެލުމެވެ.
7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން 20،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވާއިރު، 500 އެއްހާ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރަސްމީ އިދާރާތަކުން ބުނެއެވެ. ސިވިލް ޑިފެންސް އޮފީހުން ހާމަކުރި ގޮތުގައި، އަދިވެސް ހަތަރު މީހަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.
ބިންހެލުމާ ގުޅިގެން ސުނާމީއެއް އަތުވެދާނެ ކަމުގެ ބިރު އުފެދުނު ނަމަވެސް، ރިޕޯޓް ކުރެވިފައިވަނީ އައްސޭރިފަށުގެ އަވަށެއްގައި ހުރި ހަ ގެއަކަށް ގެއްލުން ލިބުނު ކަމަށެވެ. ބިންހެލުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޖެނެރަލް ސަންޓޯސް ސިޓީއަށާއި ސަރަންގަނީ ޕްރޮވިންސަށެވެ. ސަރަންގަނީގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ރަފައެލިޓޯ އަލެޖަންޑްރޯ ވިދާޅުވިއެވެ.
ސަރުކާރުގެ ވަގުތީ ހިސާބުތަކުން ދައްކާގޮތުގައި 2،000 އެއްހާ ގެދޮރަށާއި ސަރުކާރުގެ 117 އިމާރާތަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. މީގެ އިތުރުން، 6،000 އެއްހާ ސްކޫލް އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ ތަންތަން ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ބިންހެލުމަކީ 1976 ވަނަ އަހަރު އައި 8.1 މެގްނިޓިއުޑްގެ ބިންހެލުމަށްފަހު އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. 1976 ވަނަ އަހަރުގެ ބިންހެލުމާއި ސުނާމީގައި 8،000 އެއްހާ މީހުން މަރުވެފައިވެއެވެ. ފިލިޕީންސް އަކީ އާންމުކޮށް ބިންހެލުންތަކާއި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތައް ހިނގާ "ރިންގް އޮފް ފަޔަރ" ސަރަހައްދުގައި އޮންނަ ގައުމެކެވެ.


