ލާއޯސްގެ ފެންބޮޑުވެފައިވާ ހޮހަޅައެއްގެ ތެރޭގައި ތާށިވި ހަތް މީހުންގެ ތެރެއިން ނުފެނި ތިބި ދެ މީހުން ހޯދުމުގެ މަސައްކަތް ސަލާމަތްކުރާ ޓީމުތަކުން ހުއްޓާލައިފިއެވެ. މި މަސައްކަތް ހުއްޓާލާފައިވަނީ ހޮހަޅައިގެ ހާލަތު އިތުރަށް ނުރައްކާވުމާ ގުޅިގެން ހޮނިހިރު ދުވަހުއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހު، ކެއުމަށް ބޭނުންކުރާ ވާލާއި ރަން ހޯދުމަށް ހަތް މީހުންގެ ގްރޫޕަކުން އެ ހޮހަޅައަށް ވަދެ އުޅެނިކޮށެވެ. މީގެ ތެރެއިން ފަސް މީހަކު ވަނީ މިދިޔަ ހަފުތާގައި ސަލާމަތްކޮށްފައެވެ. އެގޮތުން މެއި 29 ގައި އެކަކު ސަލާމަތްކުރިއިރު، ޖެހިގެން އައި ދުވަހު ހޮހަޅައިން ފެން ހިއްކައިގެން އިތުރު ހަތަރު މީހަކު ވަނީ ބޭރަށް ނެރެފައެވެ.
މި އޮޕަރޭޝަނުގައި ފިންލޭންޑް، ފްރާންސް، އިންޑޮނޭޝިއާ، މެލޭޝިއާ، ޖަޕާން އަދި އޮސްޓްރޭލިއާގެ ތަޖުރިބާކާރުން ބައިވެރިވި ނަމަވެސް، ބާކީ ތިބި ދެ މީހުން ފެންނަގޮތް ވަނީ ނުވެފައެވެ. މެލޭޝިއާގެ ޑައިވަރެއް ކަމަށްވާ ލީ ކިއާން ލީ ބުނި ގޮތުގައި، ގެއްލުނު މީހުން ތިބި ސަރަހައްދާ ވަރަށް ގާތަށް ދެވުނު ނަމަވެސް، ހޮހަޅައިގެ ދޮރުމަތި ނުރައްކާތެރި މިންވަރަކަށް ގުޑަން ފެށުމުން އޮޕަރޭޝަން ކުރިއަށް ގެންދިއުން ހުއްޓާލަން ޖެހުނީއެވެ.
ތައިލެންޑުގެ އިސް ރެސްކިއު އޮފިސަރެއް ކަމަށްވާ ކެންގްކަޑް ބޮންގްކަވޮންގް ފޭސްބުކްގައި ހާމަކުރި ގޮތުގައި، މިހާރު އެއްވެސް މީހަކު ހޮހަޅައަށް ވަނުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ނަމަވެސް، ބޭރުގައި ތިބެގެން ފެން ހިއްކުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އެއްވެސް މީހަކަށް ހޮހަޅަ ތެރެއަށް ވަނުމުގެ ހުއްދައެއް ނެތް، އެއީ ވަރަށް ނުރައްކާތެރި ކަމެއް،" އޭނާ ވިދާޅުވިއެވެ.
ގެއްލިފައިވާ ދެ މީހުންނަށް ފެނިއްޖެ ހާލަތެއްގައި ބޭނުންކުރުމަށްޓަކައި ހޮހަޅައިގެ އެކި ސަރަހައްދުތަކުގައި މިހާރު ވަނީ ކާބޯތަކެތި ބަހައްޓާފައެވެ. ކެންގްކަޑް އިތުރަށް ވިދާޅުވީ، ވާރޭވެހުމުގެ ސަބަބުން ހޮހަޅައިގެ ތެރޭގައި ހުރި ހުސްޖާގަ 30 ސެންޓިމީޓަރަށް ކުޑަވެފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ވާރޭ އިތުރަށް ބޯކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ސަލާމަތްކުރާ ޓީމުތަކުން އުންމީދު ކުރަނީ ފެން ހިއްކުމުގެ މަސައްކަތުން ހޮހަޅައިގެ ތެރޭގައި ހުރި ފެންގަނޑު ތިރިވެ، ގެއްލިފައިވާ މީހުންނަށް ސަލާމަތްވުމުގެ ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ.


