Tuesday, 28 July 2026
ޗައިނާގެ ރައީސް ޝީ ޖިންޕިން -- ފޮޓޯ: އޭޕީ

ޗައިނާގެ ރައީސް ޝީ ޖިންޕިން އަންނަ ހަފުތާގައި އުތުރު ކޮރެއާއަށް ވަޑައިގަންނަވަނީ

ޗައިނާގެ ރައީސް ޝީ ޖިންޕިން އަންނަ ހަފުތާގައި އުތުރު ކޮރެއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެކަން ދެ ގައުމުން މިއަދު އިއުލާނުކޮށްފިއެވެ. މިއީ ފާއިތުވި ހަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ޝީ އުތުރު ކޮރެއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި މި ދަތުރުފުޅު ކުރިއަށްދާނީ އަންނަ ހޯމަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށެވެ. މިއީ ނިއުކްލިއާ ހަތިޔާރު އުފައްދަމުންދާ އުތުރު ކޮރެއާއާއެކު އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. ޝީ އެންމެ ފަހުން އެ ގައުމަށް ވަޑައިގެންފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ އެނަލިސްޓް ވިލިއަމް ޔަންގް ވިދާޅުވި ގޮތުގައި، އުތުރު ކޮރެއާއިން ރަޝިޔާއާއެކު ގާތް ގުޅުމެއް ބާއްވަމުންދާ ދަނޑިވަޅެއްގައި، ޝީގެ މި ދަތުރުފުޅުގެ ބޭނުމަކީ ޕިޔޮންގްޔަންގްގެ މައްޗަށް ޗައިނާގެ ނުފޫޒު އޮތްކަން ހާމަކުރުމާއި އޭޝިއާ ސަރަހައްދުގައި ޗައިނާގެ މަސްލަހަތު ހިމާޔަތްކުރުމެވެ.

މި ދަތުރުފުޅުގެ އިއުލާނު މި އައީ، ނިއުކްލިއާ ބޮން އުފެއްދުމަށް ބޭނުންވާ މާއްދާތައް ތައްޔާރުކުރާ އާ މަރުކަޒެއް އުތުރު ކޮރެއާއިން ދައްކާލިތާ އެއްދުވަސް ފަހުންނެވެ. އެ މަރުކަޒަށް ކުރެއްވި ޒިޔާރަތެއްގައި ކިމް ޖޮންގް އުން ވަނީ އެ ގައުމުގެ ނިއުކްލިއާ ބާރުތައް ވަރަށް ބޮޑަށް އިތުރުކުރާނެ ކަމަށް ވިދާޅުވެފައެވެ. މިއީ ޝީގެ ދަތުރުފުޅުގެ ކުރިން އުތުރު ކޮރެއާއަކީ ނިއުކްލިއާ ބާރެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރި ކަމެއް ކަމަށް މާހިރުން ދެކެއެވެ.

އެމެރިކާއިން އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާ ދެކޮޅު ހަދައި، އދ. މެދުވެރިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް، ޗައިނާ އާއި ރަޝިޔާއިން ވަނީ އެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ހުރަސްއަޅާފައެވެ. މިދިޔަ މަހު ބޭއްވި ބައްދަލުވުމެއްގައި ޕޫޓިން އާއި ޝީ ވަނީ އުތުރު ކޮރެއާއަށް ކުރިމަތިކުރާ އިގްތިސާދީ އަދި އަސްކަރީ ފިއްތުންތަކާ ދެކޮޅު ހައްދަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *