އެމެރިކާގެ މެދުވެރިކަމާއެކު ވޮޝިންގްޓަންގައި މަޝްވަރާތައް ކުރިއަށްދަނިކޮށް، އިސްރާއީލުން ލުބުނާނުގެ އެކި ސަރަހައްދުތަކަށް، ހާއްސަކޮށް ވެރިރަށް ބެއިރޫތު ކައިރިއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފިއެވެ. މި ހަމަލާތަކުގައި މިހާތަނަށް ނުވަ މީހަކު މަރުވެ، އިތުރު ބަޔަކު ވަނީ ޒަހަމްވެފައެވެ.
ލުބުނާނުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ބުނި ގޮތުގައި، ބުދަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 10 އުޅަނދަކަށް ވަނީ އަމާޒުކޮށްފައެވެ. މީގެ ތެރޭގައި އެމްބިއުލާންސަކަށް ސީދާ އަމާޒުކޮށް ދިން ހަމަލާއެއްވެސް ހިމެނެއެވެ. މަރުވި މީހުންގެ ތެރޭގައި ޝެހޫރު ސަރަހައްދުގައި ހަރަކާތްތެރިވި ދެ ސިއްހީ އެހީތެރިންނާއި، ތަޔަރު ސިޓީ ކައިރިން މަރުވި ހަ މީހަކު ހިމެނެއެވެ. މީގެ އިތުރުން ދެކުނު ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ލުބުނާނުގެ ސިފައިންގެ މީހަކުވެސް ވަނީ މި ހަމަލާތަކުގައި މަރުވެފައެވެ.
އިސްރާއީލުގެ މި އަމަލުތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބޮޑުވަޒީރު ނަތަންޔާހޫއާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ ލުބުނާނާ ދެކޮޅަށް ހަނގުރާމަ ހުއްޓާނުލައި ކުރިއަށް ގެންދާތީ އެކަމާ ކޮންމެވެސް ވަރަކަށް ކަންބޮޑުވާ ކަމަށެވެ. ނަމަވެސް ނަތަންޔާހޫ ބުނަމުންދަނީ ސުލްހަ ގާއިމުކުރެވޭނީ ހިޒްބުاللهގެ ހަތިޔާރު އަތުލައި ލުބުނާނަކީ ހަތިޔާރު ނެތް ގައުމަކަށް ހަދައިގެން ކަމަށެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ބެއިރޫތަށް ހަމަލާދީފިނަމަ އޭގެ ނަތީޖާ ވަރަށް ހިތްދަތިވާނެ ކަމަށް އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ އިސްރާއީލުން ބެއިރޫތަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު އީރާނުގެ އަސްކަރިއްޔާ އޮތީ ފުރިހަމަ ތައްޔާރީ ހާލަތެއްގައި ކަމަށެވެ.
މިދިޔަ މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 3,516 މީހުން މަރުވެ، 10,674 މީހުން ވަނީ ޒަހަމްވެފައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ ވޮޝިންގްޓަންގައި ކުރިއަށްދާ މަޝްވަރާތަކުން ހެޔޮ ނަތީޖާއެއް ނުކުމެ، ސަލާމަތީ ކަންކަމާ ގުޅޭ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރަކީ މި ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތުގައި ވަރަށް މުހިންމު ވަގުތުކޮޅެކެވެ. ގަތަރުގައިވެސް މިކަމާ ގުޅޭ މަޝްވަރާތައް ދަނީ ކުރިއަށެވެ.


