Tuesday, 28 July 2026
ފޮޓޯ: އޭޕީ

އީރާނުން ކުވެއިތުގެ އެއާޕޯޓަށް ދިން ޑްރޯން ހަމަލާއެއްގައި އެކަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވެއްޖެ

އީރާނުން ފޮނުވާލި ޑްރޯންތަކެއް ކުވެއިތުގެ މައި އެއާޕޯޓުގެ ޕަސެންޖަރު ޓާމިނަލަކަށް އަމާޒުވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ބުދަ ދުވަހު ދިން މި ހަމަލާގައި އިންޑިއާގެ ރައްޔިތަކު މަރުވެ، 63 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ކުވެއިތުގެ ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކުވެއިތުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ސައުދު އަބްދުލްއަޒީޒް އަލް އޮތައިބީ ވިދާޅުވި ގޮތުގައި، ގިނަ އަދަދެއްގެ ޑްރޯންތަކެއް އެއާޕޯޓުގެ ޓާމިނަލަށް އަމާޒުވިއިރު، އެ ޓާމިނަލަކީ ހަނގުރާމައިގެ ސަބަބުން ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ހޯމަ ދުވަހު އަލުން ހުޅުވި ތަނެކެވެ. މި ހަމަލާއާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން މި ހަމަލާގެ ޒިންމާ އުފުލަން ދެކޮޅު ހަދާފައިވެއެވެ. އީރާނުން ބުނާ ގޮތުގައި ޓާމިނަލަށް ގެއްލުންވީ އެމެރިކާގެ މިސައިލް ޑިފެންސް ސިސްޓަމަކުން ފޮނުވާލި މިސައިލެއް އަމާޒުވުމުންނެވެ. ނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ މިއީ އީރާނުން ގަސްދުގައި ދިން ލާއިންސާނީ ހަމަލާއެއް ކަމަށް ބުނެ އެ ވާހަކަތައް ދޮގުކޮށްފައެވެ. ކުވެއިތުން އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އީރާނުން އާންމުކޮށް ބޭނުންކުރާ ސަހެދު މަރުކާގެ ޑްރޯނެއް ސީދާ ޓާމިނަލަށް އަރައެވެ.

މި ހަމަލާއާ ގުޅިގެން ކުވެއިތުގެ ފޮރިން މިނިސްޓްރީން ވަނީ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށް، އީރާނުގެ ދެ ޑިޕްލޮމޭޓުން ގައުމުން ބޭރުކޮށްލަން ނިންމާފައެވެ. ކުވެއިތުން ބުނީ މިފަދަ ހަމަލާތައް ބަލައިނުގަނެވޭނެ ކަމަށާއި އެއަށް ކެތްނުކުރާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނާއެކު ގާއިމުކޮށްފައިވާ ނާޒުކު ސުލްހައިގެ އެއްބަސްވުން ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، އީރާނުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާއިން ވަނީ ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފައެވެ.

ލުބުނާނުގައި އިޒްރޭލާއި ހިޒްބުالله އާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އީރާނާއެކު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އީރާނުން ބޭނުންވަނީ ލުބުނާނުގައި ވަކި ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށެވެ. ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާނުން "އަލިފާނާ ކުޅެމުންދާ" ކަމަށް ބުނެ އިންޒާރު ދީފައެވެ.

މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފައެވެ. އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމާއި، އެމެރިކާއިން އީރާނުގެ ބަނދަރުތައް ބްލޮކްކޮށްފައި އޮތުމުގެ ސަބަބުން އިގްތިސާދީ ގޮތުން މުޅި ދުނިޔެއަށް ދަނީ އޭގެ އަސަރު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *