Tuesday, 28 July 2026
2018 ވަނަ އަހަރު ޑީއާރުސީގައި އެބޯލާ ފެތުރެން ފެށިއިރުގެ ފޮޓޯއެއް -- ފޮޓޯ: އޭޕީ

އިބޯލާ ފެތުރޭތީ ޔުގެންޑާއިން ކޮންގޯއާ ގުޅޭ ބޯޑަރު ބަންދުކޮށްފި

ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި އިބޯލާ ވައިރަސް ޔުގެންޑާއަށް ފެތުރުން ހުއްޓުވުމަށްޓަކައި، އެ ގައުމުން ކޮންގޯއާ ގުޅޭ ބޯޑަރު ބަންދުކުރުމަށް ބުދަ ދުވަހު އަމުރުކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ކޮންގޯއިން އައި ބަލިމީހުންގެ ފަރާތުން ޔުގެންޑާގެ ސިއްހީ އެހީތެރިންނަށް ބަލިޖެހި، އެ ގައުމުގައި ބަލި ފެތުރެން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ޔުގެންޑާގެ މި ނިންމުމަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިރުޝާދުތަކާ ހިލާފު ނިންމުމެއް ނަމަވެސް، މިއީ އިރުމަތީ އެފްރިކާގައި ބަލި ފެތުރިދާނެތީ އޮތް ބިރުވެރިކަން ހާމަކޮށްދޭ ކަމެކެވެ. މިފަހަރު ފެތުރެމުންދަނީ އިބޯލާގެ ބާވަތެއް ކަމަށްވާ ’ބަންޑިބުގްޔޯ' އެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ވައިރަހަކަށް ވާއިރު، މީގެ ދެކޮޅަށް ބޭނުންކުރާނެ ހުއްދަ ދެވިފައިވާ ބޭހެއް ނުވަތަ ވެކްސިނެއް އަދި ނެތެވެ.

އެމެރިކާގެ ސީޑީސީ އާއި ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮންގޯގައި މިހާތަނަށް އިބޯލާ ޖެހިފައިވާ 121 މީހުން ކަށަވަރު ކުރެވިފައިވާއިރު، 17 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން 1,077 މީހަކަށް ބަލިޖެހިފައިވާ ކަމަށް ޝައްކު ކުރެވޭއިރު، 246 މަރުގެ މައްސަލައެއް ދަނީ ތަހުގީގު ކުރަމުންނެވެ. ޔުގެންޑާގައި މިހާތަނަށް ހަތް މީހަކަށް ބަލިޖެހިފައިވާކަން ކަށަވަރުވެފައިވާއިރު، އެކަކު ވަނީ މަރުވެފައެވެ.

ޔުގެންޑާގެ މިނިސްޓްރީ އޮފް ހެލްތުގެ ޑރ. ދިއާނާ އަތުވީން ވިދާޅުވި ގޮތުގައި، ބޯޑަރު ހުރަސްކުރުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ކުއްލި ހާލަތްތަކުގައެވެ. އޭގެ ތެރޭގައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކާއި، މުދާ އުފުލުމާއި ސަލާމަތީ ސަބަބުތައް ހިމެނެއެވެ. އަދި ކުއްލި ހާލަތުގައި ކޮންގޯއިން ޔުގެންޑާއަށް އެތެރެވާ ކޮންމެ މީހަކު 21 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރެވޭނެއެވެ.

އިބޯލާ ވައިރަހަކީ ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ ދިޔަވަރުގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. އެހެންކަމުން ބަލިމީހުންނަށް ފަރުވާދޭ ސިއްހީ އެހީތެރިންނާއި އާއިލާގެ މީހުންނަށް ބަލީގެ ނުރައްކާ ބޮޑެވެ. މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ބަލިޖެހިފައިވާ މީހުންނާ ބައްދަލުވި މީހުން ދެނެގަނެ އެކަހެރިކުރުމަކީ އެންމެ މުހިންމު ފިޔަވަޅު ކަމަށް މާހިރުން ވިދާޅުވެއެވެ.

މި ހިތާމަވެރި ޚަބަރުތަކުގެ ތެރެއިން އުންމީދީ ޚަބަރެއްގެ ގޮތުގައި، ބަންޑިބުގްޔޯ ވައިރަސް ޖެހިގެން ފަރުވާ ހޯދި ފުރަތަމަ މީހާ ބަލިން ފަސޭހަވެގެން ކޮންގޯގެ ރްވަމްޕާރާގައި ހުންނަ ފަރުވާދޭ މަރުކަޒުން ބުދަ ދުވަހު ވަނީ ދޫކޮށްލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *