އެމެރިކާއިން އީރާނަށް ދިން އާ ހަމަލާތަކާ ގުޅިގެން ހޯމުޒް ކަނޑުއޮޅިން ކުރާ ވިޔަފާރި ދަތުރުފަތުރުތަކަށް ބުރޫއަރާފާނެ ކަމުގެ ބިރު ބޮޑުވެ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ބުރާސްފަތި ދުވަހު އުފުލިއްޖެއެވެ.
ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކުރޫޑްގެ އަގު ތިން އިންސައްތައަށްވުރެ މައްޗަށް ގޮސް ފީފާއެއްގެ އަގު 97.29 ޑޮލަރަށް އަރާފައިވާއިރު، ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (ޑަބްލިއުޓީއައި) ގެ އަގު ވަނީ 3.42 އިންސައްތަ މައްޗަށް ގޮސް ފީފާއެއް 91.71 ޑޮލަރަށް އުފުލިފައެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ބުނި ގޮތުގައި، އެ ގައުމުގެ ގަޑިން ފަތިހު 4:50 ހާއިރު އެމެރިކާގެ އެއާބޭސްއަކަށް ވަނީ ހަމަލާދީފައެވެ. ނަމަވެސް އެއީ ކޮން ސަރަހައްދެއްގައި އޮތް އެއާބޭސްއެއް ކަމެއް އައިއާރުޖީސީން ހާމަކޮށްފައެއް ނުވެއެވެ.
މި ހަމަލާ ދީފައިވަނީ އެމެރިކާގެ ސިފައިންނަށާއި ހޯމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ އީރާނުގެ އަސްކަރީ މަރުކަޒަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެންނެވެ. މީގެ އިތުރުން އީރާނުގެ ބައެއް ޑްރޯންތައް ވައްޓާލާފައިވާ ކަމަށްވެސް އެމެރިކާގެ އޮފިޝަލަކު މައުލޫމާތު ދީފައިވެއެވެ.
ސިޓީ ބޭންކުން ބުނި ގޮތުގައި، ތެލުގެ އަގު އުފުލުމުގެ ސަބަބުން އިންފްލޭޝަން މަތިވުމުގެ ބިރު އޮތުމުން، މަރުކަޒީ ބޭންކުތަކުން ފައިސާގެ ސިޔާސަތުތައް ހަރުކަށި ކުރުމަށް ދަނީ ވިސްނަމުންނެވެ. އަދި ތެލުގެ އަގު މަތިވުމުގެ އަސަރު އެހެނިހެން ދާއިރާތަކަށްވެސް ކުރަން ފަށާފައިވާ ކަމަށް އެ ބޭންކުން ފާހަގަކޮށްފައިވެއެވެ.


